21 Mar 2016, 10:54
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ، އިންޓަނޭޝަނަލް ޓާމިނަލް އިން ފެށިގެން ޑޮމެސްޓިކް ޓާމިނަލް އަށް ހިޔާކޮށްފައިވާ ވޯކްވޭއެއް މިއަދު ހުޅުވައިފި އެވެ.
އެއާޕޯޓުގައި މިއަދު އޮތް ކުޑަ ރަސްމިއްޔާތެއްގައި ވޯކްވޭ ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދިލް ހަސަން އެވެ.
ވޯކްވޭ ހުޅުވައިދެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އާދިލް ވިދާޅުވީ ހިޔާކޮށްފައިވާ ވޯކްވޭ އެއް ހުޅުވީ، ވިއްސާރަ މޫސުމުގަޔާއި ގަދަޔަށް އަވިދޭ ދުވަސްވަރު، އެއް ޓާމިނަލުން އަނެއް ޓާމިނަލަށް ދިއުމުގައި ފަސިންޖަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.
"އަބަދުވެސް އަޅުގަނޑުމެންނަށް ފަސިންޖަރުންގެ ފަރާތުން ވެސް އަދި ކޯއޮޕަރޭޓަރުންގެ ފަރާތުން ވެސް ލިބޭ ޝަކުވާއެއް އެއީ ވާރޭ ވެހޭ މޫސުމުގައި ވެސް އަދި އަވި ގަދަ އިރު ވެސް އިންޓަނޭޝަނަލް ޓާރމިނަލް އިން ވަރަށް ގިނަ ފަސިންޖަރުން މި އަންނަނީ ޑޮމެސްޓިކް ޓާމިނަލް އަށް އަންނަ އިރު ދިމާވާ ދަތިތައް. އެހެންވެ އެކަމަށް ހައްލެއް ގެނައުމަށް،" އާދިލް ވިދާޅުވި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ހިޔާކޮށްފައިވާ ވޯކްވޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ
އިނޯކާއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތަށް ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީި ފެރީއާ ޓާމިނަލް އާ ދޭތެރޭ ވެސް ހިޔާކޮށްފައިވާ ކްރޮސިންގްއެއް ލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.
"މިހާރު ކުރެހުންތައް ވެސް ނިމިފައި ވަނީ. މިހާރު ކުރިއަށް ދަނީ ކޮންޓްރެކްޓަރެއް ހަމަޖެއްސުމުގެ މަސައްކަތް. ނުތެމި އާދެވޭނެ ގޮތަށް އިތުރު ކްރޮސިންގްއެއް ލާނަން." އާދިލް ވިދާޅުވި އެވެ.