ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ފަރުވާ ހޯދަން، ޑޮކްޓަރަށް ދެއްކީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ޑޮކްޓަރު ލަފާދިނީ ދެ ދުވަސް ފަހުން އޮޕަރޭޝަން ކުރުމަށެވެ. ޑޮކްޓަރު ބުނަނީ އެކަމަކީ ސީރިއަސް ކަމެއް ނޫނެވެ. ކިހިލިފަތްދޮށުން އެ ގަނޑު ނަގަން، ކުޑަ އޮޕަރޭޝަނެއް ކުރާން ޖެހޭނެ އެވެ. ޑޮކްޓަރުގެ ތައްޔާރީތަކާ އެކު މި މަހުގެ 13 ވަނަ ދުވަހު އެ އޮޕަރޭޝަން ކުރުމަށް އޭނާ ތިއޭޓަރަށް ވެއްދި އެވެ. ފިރިމީހާ އާއި ދަރިން ވެސް އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކުޑަ އޮޕަރޭޝަނަކަށް ވެއްދި މީހާ ހަތަރު ގަޑިއިރު ފަހުން، ތިއޭޓަރުން ނެރުނުމަށް ފަހު އަވަސް އަވަހަށް ވެއްދީ އައިސީޔޫއަށެވެ.

ކިހިލިފަތްދޮށުގައި "ނެގި އެއްޗެއް ނަގަންވެގެން ކުރި އޮޕަރޭޝަނުން، އޭނާ މިއަދު އޮތީ ކޯމާގަ އެވެ. ހޭނާރައި އޮންނަތާ މިއަދަށް ނުވަ ދުވަސްވީ އެވެ. މިއީ ލ. ގަން، ގުލްއަލާގެ، މަސީހާ އަބޫބަކުރު 39، މިއަދު އޮތް ހާލަތެވެ.

އޭނާ އެ ހާލަތަށް ދިޔައީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަކާ ގުޅިގެން ކަމަށް އާއިލާ އިން ބުނެ އެވެ.

"ނެރުނު ގޮތަށް ގެންދިޔައީ އައިސީޔޫއަށް. ގެންދިޔައިރު ކުރަން އުޅުނު އޮޕަރޭޝަން ވެސް ނުކޮށް ހުރީ. ދެން އެ ވަގުތު ތިބި އޭނާގެ ފިރިމީހާ ވެސް ޑޮކްޓަރުން ގާތު އެހީވީ ކީއްތޯ؟ އެހީމަ މި ބުނަނީ ނުވޭ އެއްވެސް ކަމެއް. ރަނގަޅުވެދާނޭ،" މަސީހާގެ ބޭބެ އިބްރާހިމް ޒަކީ، 54، ބުންޏެވެ.

ޒަކީ ބުނި ގޮތުގައި ކޮއްކޮ އޮޕަރޭޝަން ކުރި ޑޮކްޓަރު ހޮސްޕިޓަލުން ހޯދީ "ވަރަށް ހާލުން" ކަމަށާއި ވެގެން އުޅޭ ގޮތް ވެސް ސާފުވާ ގޮތްވީ މާ ފަހުން ކަމަށެވެ.

"އަޅުގަނޑު ޑޮކްޓަރު ގާތު އެހިން ކިހިނެއްތޯއޭ އަޅުގަނޑު ކޮއްކޮއަށް ވީ؟ ޑޮކްޓަރު ވިދާޅުވީ އޮޕަރޭޝަން ކުރުމަށް އިންޖެކްޝަން ޖެހުމުން އޭނާ 'ހުއްޓުނީ'އޭ. އަދި ވިދާޅުވި 12 ވަރަކަށް ގަޑިއިރު ވަންދެން ބާއްވާލާށޭ. ރަނގަޅު ވެދާނޭ،" ޒަކީ ބުންޏެވެ.

އޭނާ ބުނީ ޑޮކްޓަރު ގާތު ކޮއްކޮއަށްވީ ގޮތް ތަފްސީލުކޮށް ކިޔައި ދެއްވުމަށް ތަކުރާރުކޮށް ސުވާލެއް ކުރި ކަމަށެވެ.

"އަޅުގަނޑު ޑޮކްޓަރު ގާތު އެހިން ސާޖަރީއަކަށް ބޭނުންވާ ހުރިހާ ޓެސްޓެއް ހެއްދެވިންތޯ އޭ. ވިދާޅުވީ އާނ އެކޭ. ދެން އަޅުގަނޑު ބުނެފިން އެހެންވިއްޔާ ހޭނެއްތުމަށް ތިބޭފުޅުން ދިނީ ކޮން އެއްޗެއްތޯ އޭ. ތިބޭފުޅުން ދެއްވި އެއްޗަކާ ދެއްވި ޑޯޒެއް އަޅުގަނޑަށް ބުނެދެއްވާށޭ ވަރަށް އަވަހަށް،" ޒަކީ ބުންޏެވެ.

"އޭރުން މަސީހާ ރިކަވާ ކުރެވޭނީ ކިހިނެއް ކޮން ފަރުވާއެއް ކޮންގެންތޯ އެހެން ޑޮކްޓަރުން ގާތު ލަފާ އަހައިގެން ވެސް އަޅުގަނޑުމެން ބަލައިފާނަމޭ. އެ އެއް އަޅުގަނޑަށް ބުނެލަ ދެއްވާށޭ. ބުނީމަ ޑޮކްޓަރު ވިދާޅުވީ ތިކަމާ އުޅެދޭނަމޭ."

އެފަދަ އޮޕަރޭޝަނަކަށް މަސީހާ ހޭނައްތަން ޖެހޭތޯ؟

މަސީހާގެ ކިހިލިފަށްދޮށުގައި ނެގި "ގަނޑު" ނެގުމަށް އޮޕަރޭޝަން ކުރަން އޭނާ ހޭނައްތަންޖެހޭތޯ، އެއީ އާއިލާއިން ކުރާ ސުވާލެކެވެ. އެ ސުވާލަށް ޖަވާބު ދެއްވަައި "ސަން"އާ ވާހަކަ ދައްކަވަމުން ޑރ. އުސާމާ އަލީ އުމަރު ވިދާޅުވީ ބަލި މީހާގެ ބަލިހާލަތަށް ބެލުމަށް ފަހު ބައެއް ހާލަތްތަކުގައި އޮޕަރޭޝަނެއް ކުރާއިރު ހޭނެއްތުމަށް އޮޕަރޭޝަން ޑޮކްޓަރު ބޭނުންފުޅު ވެދާނެ ކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ނޫނީ ޑޮކްޓަރުން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

"މިސާލަކަށް ޕޭޝަންޓަކީ ހިތުގެ މައްސަލަ ކުރިން ވެސް ހުންނަ ބޭފުޅެއް. އެހެން ވިއްޔާ އެ ޕޭޝަންޓެއް ހެ އެއް ނުނައްތާނެ. ދެން އައިސް ނޭވާ ލުމުގެ މައްސަލަތަކެއް ދިމާވާ މީހެއް. އެކަހަލަ މީހުން އާއްމުކޮށް ހަމަ ވަރަށް ހޭ ނުނައްތާނެ،" ޑރ. އުސާމާ ވިދާޅުވި އެވެ.

މަސީހާގެ އެއްބަޑު ބޭބެ ޒަކީ ބުނި ގޮތުގައި އާއިލާ އިން ބެލީ މަސީހާގެ ހާލު އިތުރަށް ގޯސްވިޔަ ނުދޭން ކުރެވެން ހުރި މަސައްކަތް ކުރެވޭތޯ އެވެ. އެގޮތުން މަސީހާ އޮޕަރޭޝަން ތިއޭޓަރުން ނެރެ، އައިސީޔޫއަށް ބަދަލު ކުރުމުން އެ ހޮސްޕިޓަލުގައި ހުރި އިިންޑިއާ ޑޮކްޓަރެއްގެ އެހީއާއެކު މަސީހާ ހާލަތު ބެލި އެވެ. އެ ޑޮކްޓަރު ލަފާ ދިނީ އިތުރު ފަރުވާ އަވަހަށް ހޯދުމަށެވެ. އެކަން ކުރެވެން އޮތީ މާލެ ފޮނުވައިގެންނެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން އެ މަސައްކަތް ފެށީ އެ ހިސާބުންނެވެ.

"އޭރު މަސީހާ އައިސީޔޫގައި އޮންނަތާ ވަރަށް އިރުވެއްޖެ އިނގޭތޯ. ދެން ހޮސްޕިޓަލުން ވެސް މަސީހާ މާލެ ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފި. އެހެން ހުއްޓާ އިރުއޮށްސި 6:00އާ 6:30 އެހާކަށްހާއިރު މަސީހާ ފިޓު ޖެހުނީ. ދެން އައިސީޔޫ އިން ބުނީ ވެންޓިލޭޓަރަށް (ނޭވާލުމަށް ބޭނުން ކުރާ މެޝިނަށް) ލާންވެގެން އޭގައި ސޮއިކުރަން އަންނާށޭ. ދެން އިތުރު ޗޮއިސްއެއް ނެތްތާ! ދެން އޭގައި ސޮއިކޮށްފައި މަސީހާ އޮޕަރޭޝަން ކުރަން އުޅުނު ޑޮކްޓަރު ގާތު އެހިން ތިއޭޓަރަށް ވެއްދި ފަހުން އޭނާ އެއްވެސް އިރެއްގައި ފިޓު ޖެހުނުތޯ. ވިދާޅުވީ ނޫނެކޭ ނުޖެހެއޭ،" މަސީހާގެ ބޭބެ ބުންޏެވެ.

އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓު ހޮސްޕިޓަލުން ނުދިން: އާއިލާ

މަސީހާގެ އާއިލާ އިން ބުނި ގޮތުގައި އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓު ހޯދަން ބޭނުންވަނީ އޮޕަރޭޝަންގެ ކުރިން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ހޮސްޕިޓަލުން ފުރިހަމަކޮށްފައިވޭތޯ ބެލުމަށާއި ތިއޭޓަރުގައި ކުރިއަށް ގެންދިޔަ މަރުހަލާތައް ދިޔައީ ރަނގަޅަށްތޯ ބެލުމަށެވެ. އަދި ހޭނެއްތުމުގެ ކުރިން މަސީހާގެ ހާލަތު ދެމެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަބްދުލް ހަންނާނު އަބްދުއްރަހީމް "ސަން" އަށް ވިދާޅުވީ މަސީހާއަކީ ގަމު ހޮސްޕިޓަލުން ޑިސްޗާޖު ކުރި ޕޭޝަންޓެއް ނޫން ކަމަށާއި އޭނާ އަކީ އެހެން ހޮސްޕިޓަލަކަށް ރިފާކޮށްފައިވާ ޕޭޝަންޓެއް ކަމަށެވެ.

"ޕޭޝަންޓާ ހަވާލުކުރަން ޖެހޭ ޑޮކިއުމަންޓުތައް އަޅުގަނޑުމެން ވާނީ ޕޭޝަންޓުގެ ރިލޭޓިވްސްއާ ހަވާލުކޮށްފައި. އެހެން ހޮސްޕިޓަލަކަށް ރިފާ ކުރާ އިރު ދޭންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ވެސް ހަވާލު ކުރެވިފައި ވާނީ،" ހަންނާނު ވިދާޅުވި އެވެ.

ހަންނާނު ވިދާޅުވީ ހޮސްޕިޓަލުން ދޭން ދެކޮޅު ހަދާ ކަމަށް އާއިލާއިން ބުނާ އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓު އޮންނަ އުސޫލުގެ ދަށުން ލިބެން ޖެހޭ ފަރާތްތަކަށް ލިބިފައިވާނެ ކަމަށެވެ.

"އާއިލާގެ ފަރާތުން އަޅުގަނޑުމެން ގާތު އެދުނު ރިޕޯޓު ދޭން. އަޅުގަނޑުމެން އާއިލާ ގެނެސް ކައިރީގައި ބައިންދައިގެން މިނިސްޓްރީ އަށް ގުޅިން. އަދި މިނިސްޓްރީން ބުނި ކީކޭކަން ވެސް އާއިލާ ބޭފުޅުންނަށް ވެސް އެނގިލައްވާނެ،" ހަންނާނު ވިދާޅުވި އެވެ.

މަސީހާގެ އޮޕަރޭޝަން ކުރީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް ފިރިހެން ޑޮކްޓަރެކެވެ. އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓު އާއިލާއަށް ދޭނެ ކަމަށް ފުރަތަމަ ބުނީ އެ ޑޮކްޓަރެކެވެ.

"މަސީހާ މާލެ ގެނައި އިރު ވެސް އެހީތެރިއަކަށް މި އައީ އޭނަ އޮޕަރޭޝަން ކުރަން އުޅުނު ޑޮކްޓަރު. ހުރިހާ ލިޔެކިއުމަކާ ހުރިހާ އެއްޗެއް ހޭންޑުއޯވާ މިކުރީ މިކޮޅަށް (މާލެ) އައިސް ވެސް ހަމަ އެ ޑޮކްޓަރު. ދެން އަޅުގަނޑު ހުރީ ރަށުގައި. އަޅުގަނޑު ހޮސްޕިޓަލަށް ގޮސް އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓަކަށް އެދުނީ. ހޮސްޕިޓަލުން ބުނީ އާނ ލިބިދާނޭ،" ޒަކީ ބުންޏެވެ.

އޭނާ ބުނީ އެ ރިޕޯޓު ބަލާ ފަހުން ދިއުމުން ރިޕޯޓު ދިނުމަށް ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށެވެ. އަދި ބުނީ ހޮސްޕިޓަލުން އެންގީ އެ ރިޕޯޓު ނުވަތަ ބަލިމީހާއަށް ދިން ފަރުވާގެ ތަފްސީލް އެހީތެރިންނަށް ދޭން ނުޖެހޭނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓު އަންނާނީ މިނިސްޓްރީއަށް ކަމަށާއި މިނިސްޓްރީގައި އެކަމަށް ހާއްސަ ކޮމެޓީއަކުން އެ ރިޕޯޓު ބަލާނެ ކަމަށް މިނިސްޓްރީއާ ހަވާލާދީ ހޮސްޕިޓަލުން ބުނި ކަމަށް އާއިލާއިން ބުންޏެވެ. އަދި ބުނީ އެ ރިޕޯޓު ދޫކުރަން މިނިސްޓްރީއަށް ފެންނަނަމަ ބަލިމީހާގެ އާއިލާއަށް ރިޕޯޓު ދޫކުރާނެ ކަމަށެވެ.

ޑރ. އުސާމާ ވިދާޅުވި ގޮތުގައި އެފަދަ ރިޕޯޓުތަކަކީ އާއިލާއިން އެދިއްޖެ ނަމަ ފޯރުކޮށްދޭން ޖެހޭ ރިޕޯޓުތަކެއް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކަކުން އަމަލު ކުރާ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް"އަކީ އެއީ ކަމަށް އުސާމާ ބުންޏެވެ.

މަސީހާ ސަލާމަތްވާނެ ކަމުގެ އިތުބާރެއް ޑޮކްޓަރުންކަށް ނެތް!

މަސީހާއަށްވީ ގޮތެއް ސާފު ކުރުމުގެ މަސައްކަތް އާއިލާއިން ކުރަމުންދަނިކޮށް، އައިޖީއެމްއެޗުން އޭނާ ބެލުމަށް ފަހު ޑޮކްޓަރުން ދިނީ އިތުރު ހިތާމަވެރި ހަބަރެކެވެ.

"ޑޮކްޓަރު ވިދާޅުވީ އޮޕަރޭޝަން ކުރުމަށް ހޭނެއްތުމުގެ ތެރޭގައި ސިކުނޑިއަށް އޮކްސިޖަނާއި ލޭ ނުދިއުމުގެ ތެރޭގައި ސިކުނޑީގެ ހުރިހާ ސެލްއެއް އެއްކޮށް ގޮއްސައޭ ހުރީ،" ޒަކީ ބުންޏެވެ.

ޑޮކްޓަރާއި ހަވާލާދީ އާއިލާ އިން ބުނީ މަސީހާއަށް ކުރެވެން އޮތް އިތުރު ފަރުވާއެއް ނެތް ކަމަށެވެ. އަދި އޭނާގެ ސިކުނޑިއަށް ލިބިފައި ހުރި ގެއްލުން ދުނިޔޭގެ އެއްވެސް ގައުމަކުން ރަނގަޅު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

"ހަމައެކަނި މި މަރުހަލާގައި ދެން ކުރެވެން އޮތް ކަމަކީ ބުލަޑު ޕުރެޝަރު ހައިވިޔަ ނުދިނުމާއި ލޭގެ އިންފެކްޝަން އުފެދުނަ ނުދިނުމޭ އައިޖީއެމްއެޗުގެ ޑޮކްޓަރުން ވިދާޅުވަނީ."