މަސްއޮޑި ގްރޫޕަށް ނިސްބަތްވާ ބަޔަކު އުޅޭ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން 11 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އޭގެތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ މ. ޖޭޑު އިން ކަމަށެވެ. އަދި އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ވިލިމާލޭގެ ގެއެއް ބަލައިފާސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ މިއަދު 9:30 އެހައިކަންހާއިރު ފުލުހުންގެ ޓީމެއް ކޯޓު އަމުރެއްގެ ދަށުން މ. ޖޭޑަށް ވަދެ އެގެ ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ފުލުހުން އެގެއަށްވަދެ އެގޭގައި ތިބި މަސްއޮޑި ގްރޫޕަށް ނިސްބަތްވާ ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެކަމުގެ ހެކި ހުރި ނަމަ ހެއްކާ އެކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.