21 Mar 2016, 10:22
ކެންބެރާ (މާޗް 21): ކޮންސްޓްރަކްޝަން ދާއިރާގައި ކޮރަޕްޝަން ހުއްޓުވަން އޮސްޓްރޭލިއާގެ ސަރުކާރުން ސެނެޓަށް ހުށަހެޅި ބިލް ފާސްނުކޮށްފި ނަމަ ސެނެޓް އިންތިހާބު އަވަސްކުރައްވާނެ ކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރު، މެލްކަމް ޓާންބުލް ވިދާޅުވެއްޖެ އެވެ.
އޮސްޓްރެލިއާގެ ސެނެޓަކީ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މަތީގޭގެ މެމްބަރުންނެވެ. އެގައުމުގެ ސަރުކާރުން ވަނީ ކޮންސްޓްރަކްޝަން ދާއިރާގެ ކަންތައްތައް ބަލަހައްޓާ ޖަމްއިއްޔާއެއް އަނެއްކާ ވެސް އެކުލަވާލުމާ ބެހޭ ބިލެއް ފަސް ފަހަރު ސެނެޓަށް ހުށަހަޅާފަ އެވެ.
އެބިލާ ބެހޭ ގޮތުން ބަހުސްކުރުމަށް ބޮޑުވަޒީރު ޓާންބުލް ވަނީ އޮސްޓްރޭލިއާގެ ރައްޔިތުންގެ މަޖިލީހުގެ މަތީގެއާއި ތިރީގޭގެ މެމްބަރުން މިއަންނަ މަހުގެ 19ގައި ހާޒިރު ކުރުމަށް އެގައުމުގެ ގަވަރުނަރު ޖެނެރަލްއަށް އަންގަވައިފަ އެވެ.
ސަރުކާރުން ތަކުރާރުކޮށް ހުށަހަޅާ ބިލަކާ ބެހޭ ގޮތުން މަޖިލީހުގެ ތިރީގެއާއި މަތީގެއިން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އާމަޖިލިސް އިންތިހާބެއް ބޭއްވުމުގެ ހައްގު އޮސްޓްރޭލިއާގެ ގާނޫނު އަސާސީ އިން އެ ގައުމުގެ ސަރުކާރަށް ދީފައިވެ އެވެ.
ބޮޑުވަޒީރު ޓާންބުލް ވަނީ ސަރުކާރުގެ ބަޖެޓް އިއުލާން ކުރާ ތާރީހު ކުރިއަށް ޖައްސަވާފަ އެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްނުވެއްޖެ ނަމަ ޖުލައި މަހުގެ ދެވަނަ ދުވަހު އާ މަޖިލިސް އިންތިހާބު ބޭއްވޭނެ އެވެ. އެފަދަ ގޮތަކަށް އާއިންތިހާބެއް ބާއްވަން ނިންމައިފި ނަމަ އެއިންތިހާބު ވެގެންދާނީ 1987ގެ ފަހުން އޮސްޓްރޭލިއާގައި އެފަދަ އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރަށެވެ.
"ސެނެޓުން އޭގެ ޒިންމާތައް ދެނެގަނ،ެ އަޅުގަނޑުމެންގެ އިގުތިސާދީ ރޭވުންތަކަށް ހުރަސްއެޅުމުގެ ބަދަލުގައި އެރޭވުންތައް ކުރިއަރުވަން މަސައްކަތް ކުރަން ފަށަންވީ ވަަގުތު ޖެހިއްޖެ. އޭބީސީސީ [އޮސްޓްރޭލިއަން ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ކޮމިޝަން] އަނެއްކާ ވެސް އުފެއްދުމަކީ އިގުތިސާދީ ގޮތުން މުހިއްމު އިސްލާހެއް. ގޭމު ކުޅޭ ވަގުތު ނިމުނީ،" ބޮޑުވަޒީރު ވިދާޅުވި އެވެ. (ބީބީސީ)