21 Mar 2016, 10:20
މިއަދާއި މާދަމާ، ބިމާ ވަރަށް ކައިރިން ދެ ކޮމެޓް ދަތުރުކުރާނެ ކަމަށް ފަޒާގެ ދިރާސާތަކާބެހޭ އެމެރިކާގެ އިދާރާ ނާސާ އިން ބުނެފި އެވެ. އިންސާނުންގެ ލޮލަށް މިދެ ކޮމެޓް ނުފެނުނު ނަމަވެސް ޓެލެސްކޯޕްގެ ޒަރީއާ އިން ވަރަށް ރީތިކޮށް މިދެ ކޮމެޓް ފެންނާނެ ކަމަށް ނާސާއިން ބުނެ އެވެ.
މިދެ ކޮމެޓަށް ސައެންސްވެރިން ދީފައިވާ ނަމަކީ 252P/LINEAR އާއި P2016 BA14 އެވެ. މިދޭތީގެ ތެރެއިން އެކަތި ދަތުރުކުރަމުން ދަނީ ބިމާ 3.5 މިލިޔަން ކޮލޯމީޓަރު ދުރުންނެވެ. އަނެއް ކޮމެޓް ދަތުރުކުރަމުންދަނީ ބިމާ 5.2 މިލިޔަން ކިލޯމީޓަރު ދުރުންނެވެ. މިދެ ކޮމެޓް ދަތުރުކުރާނީ ޕެރަލެލް ކޮށް ކަމަށާ މީގެ އެއްވެސް ނުރައްކަލެއް ބިމަށް ނެތްކަމަށް ނާސާ އިން ބުނެ އެވެ. ނަމަވެސް މިދެ ކޮމެޓުން ބިމަށް ގިނިހިލަ ނޫނީ މިޓިއޮރިޓީސް ވެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ނާސާއިން ބުނެ އެވެ.
ކޮމެޓަކީ ސޯލާސިސްޓަމްގައި ހިރަފުހާއި ގަނޑުފެނުން އުފެދޭ އެއްޗެކެވެ. އޭތި ފަޒާގައި ދަތުރުކުރާއިރު ނަގުލެއްގޮތަށް ދުންގަނޑެއް ފެންނާނެ އެވެ. މިއަދާއި މާދަމާ، ބިމާ ވަރަށް ކައިރިން ދަތުރުކުރާ ދެ ކޮމެޓަކީ ކުރިން އެއްކޮމެޓްގެ ގޮތުގައި އޮތުމަށް ފަހު ދެފަޅިއަށް ފަޅައިގެން ގޮސް ދެކޮމެޓަށްވެފައިވާ އެއްޗެއްކަމަށް ސައެންސްވެރިން ލަފާކުރެ އެވެ.
ކޮމެޓްގެ ސަބަބުން ދުނިޔެއަށް ނުރައްކާވި ދެ ޙާލަތެއް ސައެންސްވެރިން ފާހަގަކޮށްފައިވެ އެވެ. އެއީ 1770 ވަނަ އަހަރު ބިމާ ވަރަށްގާތުން ދަތުރުކުރި ކޮމެޓެއްގެ ސަބަބުންނާއި 1983 ވަނަ އަހަރު ބިމާ ވަރަށްގާތުން ދަތުރުކުރި ކޮމެޓެއްގެ ސަބަބުން ކުރިމަތިވި ނުރައްކަލެކެވެ. މިދެ ހާލަތުގައި ވެސް ކޮމެޓްގެ ސަބަބުން ދުނިޔެއަށް ފާހަގަކޮށްލެވޭ ފަދަ ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ގިނަ ހިލަ ފޭބުންފަދަ ކަންކަން ހިނގާފައިވެ އެވެ. (ނޮވެސްޓީ)