ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެއްވަނާގައި ބާސެލޯނާ 2-2ގެ ނަތީޖާ އަކުން ވިޔަރެއާލް އާއި އެއްވަރުކުރި އިރު ރެއާލްމެޑްރިޑް ފަސޭހަކަމާ އެކު 4-1ގެ ނަތީޖާ އަކުން ސެވިއްޔާ ބަލިކޮށްފި އެވެ.

ރޭގެ މެޗުތަކަށް ފަހު ބާސާ އެއްވަނާގައި އޮތީ 76 ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 67 ޕޮއިންޓް ލިބޭއިރު ތިންވަނާގައި ރެއާލް އޮތީ 66 ޕޮއިންޓާ އެކު އެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކި އިރު، މެޗުގެ 20 ވަނަ މިނެޓްގައި އިވާން ރަކިޓިޗް ވަނީ ބާސާއަށް ލީޑުނަގާދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެކުރިން ލިބުނު ޕެނަލްޓީއަކުން، ނޭމާ ވަނީ ބާސާގެ ލީޑް އިތުރަށް ފުޅާކޮށްދީފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އާއި ބާސެލޯނާ ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ވިޔަރެއާލްގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ދެ ގޯލުގެ ލީޑަކާއެކީ ބާސާއިން ފުރަތަމަ ހާފް ނިންމާލި ނަމަވެސް ވިޔަރެއާލް އިން ވަނީ ކައިރި ކައިރީ ދެ ގޯލު ކާމިޔާބް ކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓްގައި ބަކަމްބޫ ވިޔަރެއާލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިންއިރު، އޭގެ 6 މިނެޓްފަހުން ބާސާގެ ޑިފެންޑަރު ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަތް ގޯލާއެކު ވިޔަރިއާލް އިން ވަނީ ބާސާ މޮޅުވިޔަނުދީ ހިފަހައްޓާފަ އެވެ.

ރެއާލްގެ ސެންޓިއާގޯ ބާނަބިއުގެއި ރޭ ކުޅުނު މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ބެންޒެމާގެ ގޯލުން ރެއާލް ވަނީ ލީޑް ނަގައިފަ އެވެ. އެއީ އަނިޔާގައި ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު، ބެންޒެމާ ރެއާލްއަށް ކުޅެދިން ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން، ސެވިއްޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކެވިން ގަމީރިއޯ ފޮނުވާލި އެ ބޯޅަ ރެއާލްގެ ކީޕަރު ކެއިލާ ނަވާސް ވަނީ ދިފާއުކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ބޭލް އަތުން ބޯޅަ ހޯދުމަށް ވިޔަރެއާލްގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ދެވެނަ ހާފް ފެށިގެން ރެއާލް އަށް ވެސް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ކުރިސްޓިއާނޯ ރޮނާލްޑޯ ފޮނުނާލި އެ ބޯޅަ ގޯލާއި އަމާޒު ނުވެދިޔައީ ހުރަސް ދަނޑި މަތިންނެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލާއި އެކު ރެއާލްގެ ލީޑް އިތުރަށް ފުޅާވި އެވެ. އަދި އޭގެ ދެ މިނެޓް ފަހުން ގެރެތް ބޭލް ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. ރެއާލްގެ ފަހު ގޯލު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖެސީ ރޮޑްރިގޭޒް އެވެ.

ލީގްގައި ދެން ކުރި އަށް އޮތީ ރެއާލް މެޑްރިޑާ ބާސެލޯނާ ބައްދަލު ކުރާ 'އެލް ކްލެސިކޯ' މެޗެވެ. ނަމަވެސް ބާސާގެ ކޭމްޕްނޯ ގައި ކުޅޭ އެ މެޗު އޮންނާނީ އިންޓަނޭޝަނަލް ބްރޭކް އަށް ފަހު އަންނަ މަހު ތިން ވަނަ ދުވަހު އެވެ.