28 Apr 2011, 14:19
ޓީވީ ކޮށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 108 ހައުސިން ޔުނިޓު ހިމެނޭ ހަ ފްލެޓުގެ ތެރެއިން، ހަތަރު ފްލެޓެއްގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭ ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ޓީވީ ކޮށީގައި އިމާރާތްކުރާ ހަ ފްލެޓުގެ ތެރެއިން ކޮންމެ 10 ބުރީގެ ފްލެޓެއްގައި 18 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށެވެ. އޭގެ ތެރެއިން ހަތަރު އިމާރާތެއްގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭ ފަށައި، އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް އެއްކޮށް ނިންމުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ފޯޕާލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓާއެކު މިއަދު އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ވަހީދު އެވެ. އަދި ފޯޕާލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު އަންވަރު އެވެ. ދެ އެއްބަސްވުމުގައި ވެސް ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ހައުސިން ޑިވަލޮޕްމެންޓް އެންޑް އެންވަޔަރްމަންޑް މުހައްމަދު އަސްލަމް އެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަން ކުންފުންޏާއި ފޯޕާލްސް މޯލްޑިވްސް އާ ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް ސަރުކާރާ ހަވާލުކުރާނީ 30 ޕަސެންޓެވެ. އަނެއް 70 ޕަސެންޓް ވިއްކާނީ އިމާރާތްކުރާ ކުންފުނިތަކުން އަމިއްލައަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ވަހީދު ވިދާޅުވީ ސަރުކާރާ ހަވާލުކުރާ 30 ޕަސެންޓް ފިޔަވައި ހައުސިން ޔުނިޓްތަކުގެ އެހެން ބައިތަކަކީ ގަންނަ ފަރާތްތަކާ ވާހަކަ ދައްކައިގެން އެމީހުން ބޭނުންވާ ގޮތަށް ތަރައްގީ ކުރާ ތަންތަނަށް ވާތީ މަޝްރޫއަށް ހަރަދުވާނެ ފައިސާގެ އަދަދެއް ސީދާ ވިދާޅުވާން ނޭނގޭ ކަމަށެވެ.