މިދިޔަ ހުކުރު ދުވަހު ރިލީޒު ކުރި "ކަޕޫރް އެންޑް ސަންސް" އަކީ، މި އަހަރުގެ މިހާތަނަށް ރިލީޒު ކުރެވުނު ފިލްމުތަކުގެ ތެރެއިން، އެންމެ ކާމިޔާބު އެއް ފިލްމޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެ ފިލްމު ސްކްރީންތަކުގައި އެޅުވި ފުރަތަމަ ދުވަހު އެކަނިވެސް 6.85 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ.

ހަމައެއާއެކު ދެވަނަ ދުވަހު އެ ފިލްމަށް 7.75 ކްރޯޑު ރުޕީސް ލިބުމާއެކު، ޖުމްލަ އަދަދު މި ވަނީ 14.60 ކުރޯޑަށް އަރާފަ އެވެ. ދެ ދުވަހުގެ ތެރޭގައި އެ ފިލްމަށް އެހާ ބޮޑު ފައިދާ އެއް ލިބުމުން، އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ފިލްމަށް 50 ކުރޯޑު ރުޕީސް ލިބޭނެ ކަމަށް ބެލެވެ އެވެ.

ލީޑު ރޯލުން އާލިއާ ބަޓް އާއި ސިދާތު މަލްހޯތުރާ އަދި ފަވާދު ޚާން ފެނިގެންދާ އެ ފިލްކަމީ، އާލިއާ އާއި ސިދާތު އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. ހަމައެއާއެކު އެއީ ފަވާދު ޚާންވެސް ބޮލީވުޑްގައި ކުޅޭ ދެވަނަ ފިލްމެވެ.

އެ ތިން ތަރިންގެ އިތުރުން ވެސް އެ ފިލްމުގައި ރިޝީ ކަޕޫރު، ރަޖަތު ކަޕޫރު، ރަތުނާ ޕަތަކު ޝާހު ފަދަ ފާހަގަ ކޮށްލެވޭ ތަރިންތަކެއް ފެނިގެންދާނެ އެވެ.

"ކަޕޫރު އެންޑް ސަންސް" ގައި އެންމެ ތަފާތު ރޯލަކުން ފެންނާނެ އެއް ތަރިއަކީ ރިޝީ ކަޕޫރެވެ. އުމުރުން ވަރަށް ދުވަސްވެފައިވާ މީހެއްގެ ސިފަ ދެއްކުމަށް ރިޝީ ވަނީ އެ ފިލްމުގައި ވަރަށް ތަފާތު އަދި އުނދަގޫ މޭކްއަޕެއް ވެސް ކޮށްފަ އެވެ.