ހުޅުމާލޭގައި އެކިއެކި އިވެންޓްތައް ބާއްވާނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ސަރަހައްދުތަކުގައި އިވެންޓްތައް ބޭއްވުމަށް އަގު ނަގަން ފަށައިފި އެވެ.

ހައުސިންޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކޯޕަރޭޝަނުގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައި ވަނީ އެގޮތަށް ހަމަޖެއްސީ ހަރަކާތްތައް ވީހާވެސް ގިނަ ބަޔަކަށް ފެންނަ ގޮތަށް އިންތިޒާމު ކުރުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތުރާ ނުވާނެ ގޮތަކަށް އެފަދަ ކަންތައްތައް ބޭއްވުމުގެ ބޭނުމުގައި ކަމަށެވެ.

އިވެންޓްތައް ބޭއްވުމަށް އެޗްޑީސީން ކަނޑައެޅި އުސޫލުގެ ދަށުން، އެކިއެކި ހަރަކާތްތައް ބޭއްވުމަށް ވަކި ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސްޓޭޖް ޝޯތަކާއި ކޮންސާޓްތައް، ނައިޓް މާކެޓްތަކާއި ރަސްމިއްޔާތުތައް، ފެއާތަކާއި ސްޓޯލްތަކާއި ޕާޓީތައް އަދި އެކްސްޕޯތައް ބާއްވާނެ ވަކި ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ސްޓޭޖް ޝޯތަކާއި ކޮންސާޓްތައް ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ސެންޓްރަލް ޕާކެވެ. އަދި ނައިޓްމާކެޓްތައް ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެންޓްރަލް ޕާކްގެ ތެރެއިން އޮންނަ ބޮޑު ދެމަގެވެ. ފެއާ ތަކާއި ޕާޓީތައް ބޭއްވުމަށް ކަނޑައަޅާފައި ވަނީ ހުޅުމާލޭ މެއިން ބަސް ސްޓޮޕްގެ ކައިރީގައިވާ ރުއްގަނޑު ސަރަހައްދެވެ. އަދި ސްޓޯލްތައް ބޭއްވުމަށް ކަނޑައަޅާފައި ވަނީ ބާބެކިއު ހަދާ ސަރަހައްދެވެ. އެ ސަރަހައްދަކީ ކޮންސާޓް ވެސް ބޭއްވޭނެ ސަރަހައްދެއް ކަމަށް އާ އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ. އެކްސްޕޯތަކާއި އެފަދަ އިވެންޓްތައް ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެންޓްރަލް ޕާކްގައި ފަޅި ބުރުގެ ބައްޓަމަށް އޮންނަ ދެ ސަރަހައްދެވެ.

އިވެންޓްތައް ބާއްވަން ސަރަހައްދުތައް ދޫކުރަން ހަމަޖައްސާފައި ވަނީ 24 ގަޑި އިރުން ފެށިގެން އެއް ހަފުތާއާ ދެމެދުގެ މުއްދަތަކަށެވެ. އަދި އިވެންޓެއް ބާއްވަން އެއިން ސަރަހައްދެއް ކުއްޔަށް ހިފަން ބޭނުންވާ ނަމަ މަދުވެގެން ދެ ހަފުތާ ކުރިން ބުކް ކުރަން ޖެހޭ ގޮތަށް ވެސް އަލަށް ހެދި ގައިޑްލައިންގައިވެ އެވެ. އަދި އެގޮތުން ބުކް ކުރާ އިރު، އެ ހަރަކާތަކަށް އެޗްޑީސީން ކަނޑައަޅާފައިވާ އަގުގެ 25 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ މިންވަރެއް ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް އެގޮތަށް ބުކިން ފީ ދެއްކުމަށްފަހު ހަރަކާތެއް ނުބާއްވަން ނިންމައި އެކަން 24 ގަޑި އިރު ކުރިން އަންގައިފި ނަމަ ބުކިން ފީ އަނބުރާ ލިބޭނެ އެވެ.