20 Mar 2016, 23:19
ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ނެގި ސްކޮޑުން ޖާގަ ހޯދުމަށްފަހު އެންމެ ފަހު ވަގުތު ސިއްހީ ހާލަތު ހުރި ގޮތުން ހުސައިން ނިޔާޒް (ބޮކުރީ) ބާކީކޮށް ގައުމީ ޓީމު ޗައިނާއަށް ދާން ފުރައިފި އެވެ.
މިދިޔަ އަހަރު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުޅި އަހަރު ކުޅުމާ ދުރުގައި ހުރި ބޮކުރީ ވަނީ އަނިޔާ އިން މުޅިން ރަނގަޅުވެ، މި ސީޒަނުގައި މިހާތަނަށް އޭއެފްސީ ކަޕްގައި މާޒިޔާ އިން ކުޅުނު ތިން މެޗުގައި ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން އޭނާ ބާކީކުރީ ފާނަބަސަންދު ޖެހިގެންނެވެ.
އެފްއޭއެމްގެ މީޑިއާ އޮފިޝަލް މުހައްމަދު އާދަމް މިރޭ 'ސަން' އަށް ވިދާޅުވީ ބޮކުރީ އަށް ފާނަބަސަދަ ޖެހިފައިވާ ކަން އެނގުނީ މިރޭ ކަމަށާއި އެހެންކަމުން އޭނާގެ ބަދަލުގައި ޓީމަށް އިތުރު ކުޅުންތެރިއަކު ނަގާނެ ވަގުތެއް ނުލިބުނު ކަމަށެވެ.
"ބޮކުރީ ހުރީ ވަރަށް ފިޓްކޮށް. ހުރިހާ ފަރިތަކުރުން ތަކެއްގައި ވެސް ބައިވެރިވެ ވަރަށް ރަނގަޅު ފޯމެއްގައި ހުރީ،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ބުނީ ޓީމް ލިސްޓް ފޮނުވައި ކުޅުންތެރިންގެ ވިސާ ވެސް ހަމަ ޖެއްސި ފަހުން އެކަން ދިމާވުމުން ކޯޗަށް އިތުރު ކުޅުންތެރިއަކު ނަގާނެ ފުރުސަތެއް ނުލިބުނު ކަމަށެވެ.
ފަހު ވަގުތު ބޮކުރީ ބައިކީ ކުރިއިރު އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަސްފާގު (ދަނގަޑޭ)އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި އަމްދާނު އަލީ (އެންޑީ) ނުލައި ކޯޗު ވަނީ 17 ކުޅުންތެރިންގެ ސްކޮޑަކާ އެކު އިއްޔެ އާއި މިއަދު ގަލޮޅު ދަނޑުގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
އަންނަ ބުރާސްފަތި ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ އެ މެޗަށް ނެގި ސްކޮޑުގައި ހިމެނެނީ މާޒިޔާގެ ނުވަ ކުޅުންތެރިއަކާއި ޓީސީގެ ހަތަރު ކުޅުންތެރިއަކާ ވެލެންސިއާގެ ދެ ކުޅުންތެރިންގެ އިތުރުން އީގަލްސްގެ ދެ ކުޅުންތިއަކާއި ނިއުރޭޑިއަންޓްގެ އެއް ކުޅުންތެރިއެކެވެ.
ޗައިނާ މެޗަށް ނެގި 17 ކުޅުންތެރިންގެ ގައުމީ ސްކޮޑު:
މާޒިޔާ
އިމްރާން މުހައްމަދު
- އަޝްހަދު އަލީ (އަޑުބަރޭ)
- އިސްމާއިލް އީސަ
- އަހުމަދު އިމާޒް (އާއްކޮ)
- ސަމޫހު އަލީ (ސަމުއްޓޭ)
- ސަމްދޫހު މުހައްމަދު
- އަހުމަދު ނާޝިދު (ނާއްޓޭ)
- ގާސިމް ސައްމާމު
- މޫސާ ޔާމިން
ޓީސީ ސްޕޯޓްސް ކްލަބް
އަލީ ފާސިރު (ސެންޓޭ)
- ހަސަން ނާއިޒު (ދާދު)
- އަހުމަދު އަބްދުﷲ (ލިލީ)
- އަބްދުﷲ ފަޔާޒު
ކްލަބް ވެލެންސިއާ
ޝާފިއު އަހުމަދު (ޝާފީ)
- މުހައްމަދު ފައިސަލް
ކްލަބް އީގަލްސް
އަންސަރު އިބްރާހިމް (އަންކޮ)
ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު (ހަމްޕު)