20 Mar 2016, 22:25
ދެ ގްރޫޕެއްގެ ދެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ކަމަށް ބުނެ ގ. މަސްއޮޑިގެއަށް ފުލުހުންގެ ބަޔަކު ވަދެ، ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް އެދިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ މާރާމާރީއާ ގުޅިގެން 13 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ހުރިހާ އެންމެން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ހާމަވާނަމަ އެކަމުގައި ބައިވެރިވި ފުލުހަކާ ދޭތެރޭ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
މަސްއޮޑިގެއަށް ވަދެ ޒުވާނުންތަކަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނެވެ. އެ މާރާމާރީއާ ގުޅުންހުރި މައުލޫމާތު އެނގޭ ފަރާތްތަކުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވަނީ އެދިފަ އެވެ.
"އަދި ދަންނަވަމެވެ. މި މައްސަލަ އާއި ގުޅުންހުރި މަޢުލޫމާތު ހުރި ފަރާތްތަކުން އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ޙިއްސާ ކޮށްދެއްވުން އެދެމެވެ. އެފަދަ މަޢުލޫމާތު ޙިއްސާކުރައްވާ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭނެ ވާހަކަ ވެސް ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ މާރާމާރީގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ކަށަވަރު ކުރެއްވޭ ފަދަ ހެއްކާ ޤަރީނާ ހުރިނަމަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހުށަހަޅައިގެން ތަޙްޤީޤު ކުރުމަށް މަރުހަބާ ކިޔާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.