28 Apr 2011, 14:05
އެއާ އިންޑިޔާގެ ޕައިލެޓުން ކުރަމުންދާ ހަޅުތާލަކާ ގުޅިގެން އިންޑިޔާގެ ޓްރެވިންޑްރަމުން ރާއްޖެ އަށް އައުމަށް ހަމަޖެހިފައިވާ ފްލައިޓެއް ކެންސަލްކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އެއާ އިންޑިޔާގެ ސޭލްސް އެޖެންޓް، ވިލާ ޓްރެވަލްގެ މެނޭޖަރު ފަރުހަތު އަބްދުއްލަތީފު މިއަދު ވިދާޅުވީ އެއާ އިންޑިޔާގެ ޕައިލެޓުންގެ ހަޅުތާލާ ގުޅިގެން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތައް ކެންސަލްވެފައިނުވާ ކަމަށެވެ. ނަމަވެސް ޓްރެވިންޑްރަމް-މާލެ ފްލައިޓް ކެންސަލްވި ކަމަށާއި ބެންގަލޫރުގެ ފްލައިޓްގެ ދަތުރުތައް ކެންސަލްވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ- ޓްރެވިންޑްރަމްގެ ފްލައިޓް ކެންސަލްވީ ބައެއް މީހުން ފުރުމަށް މާލޭ އެއާޕޯޓަށް ގޮސް ތިއްބަ އެވެ.
"ކެންސަލްވި ފްލައިޓްގެ ޓިކެޓް ރީ ފަންޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތް. އަދި އެހެން ތާރީހަކަށް ވެސް ޓިކެޓް ހަމަޖެއްސިދާނެ،" ފަރުހަތު ވިދާޅުވި އެވެ.
ބެންގަލޫރުންނާއި ޓްރެވިންޑްރަމުން ރާއްޖެ އަށް ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރާ، އެއާ އިންޑިޔާގެ މާދަމާގެ ފްލައިޓްތައް ކެންސަލްވާނެ ކަން އަދި އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އެއާ އިންޑިއާއާ އެއްކޮށްލާފައިވާ އިންޑިއަން އެއާލައިންސްގެ ފައިލެޓުން ކުރަމުންދާ ހަޅުތާލުގައި 800 ޕައިލެޓުން ބައިވެރިވަމުންދާ ކަމަށް އިންޑިޔާގެ ޚަބަރުތައް ބުނެ އެވެ. އިންޑިޔަން އެއާލައިންސްގައި ކުރިން މަސައްކަތްކުރި ޕައިލެޓުންގެ މުސާރަ އާއި އެއާ އިންޑިޔާގެ ޕައިލެޓުންގެ މުސާރައިގައި 4500 ޑޮލަރުގެ ތަފާތެއްވާ ކަމަށް ޕައިލެޓުންނާ ހަވާލާދީ އިންޑިޔާގެ ޚަބަރުތައް ބުނެ އެވެ.
އެއާ އިންޑިއާގެ ޕައިލެޓުންގެ މުސާރަ އަށް ވުރެ އިންޑިއަން އެއާލައިންސްގެ ޕައިލެޓުންގެ މުސާރަ ކުޑަ ކަމަށް ބުނެ، އެ ތަފާތު ނައްތާލުމަށް ޕައިލެޓުން ކުރަމުންދާ ހަޅުލާތާ ގުޅިގެން، އެއާ އިންޑިޔާ އިން ވަނީ މިހާތަނަށް އިންޑިޔާގައި ދުވާލެއްގެ މައްޗަށް އެއާލައިނުން އޮޕަރޭޓް ކުރަމުން އަންނަ 320 ފްލައިޓްގެ ތެރެއިން 24 ފްލައިޓެއް ރޭގެ ނިޔަލަށް ކެންސަލްކޮށްފަ އެވެ.
އެ ހަޅުތާލާ ގުޅިގެން އެއާ އިންޑިޔާގެ މެނޭޖްމަންޓުން ހަ ޕައިލެޓަކު ވަޒީފާ އިން ވަކިކޮށް، ދެ ޕައިލެޓަކު ސަސްޕެންޑްކޮށްފައިވާ އިރު، ދިއްލީގެ ހައި ކޯޓުން އިއްޔެ ވަނީ ހަޅުތާލުކުރާ އެއާ އިންޑިޔާގެ ޕައިލެޓުން އަނބުރާ މަސައްކަތަށް އެނބުރި ރުޖޫއަވުމަށް އަމުރެއްނެރެފަ އެވެ.