20 Mar 2016, 21:22
މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ އާ އާޓިފިޝަލް ބީޗު، ރަސްފަންނަށް މޫދަށް އެރުން މިއަދު މަނާކޮށްފި އެވެ.
އަޑުފެތުރިފައިވާ ގޮތުގައި އެ ސަރަހަށްދަށް މޫދަށް އެރުން މަނާކުރީ ވެސްޓްޕާކު ސަރަހައްދާ ދިމާލުން ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް، އެ ސަރަހައްދު މޫދަށް ނަޖިސް ބޭރުވަމުންދާތީ އެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ބަހައްޓާފައިވާ ނޯޓިސްގައި ބުނެފައި ވަނީ މޫދަށް އެރުން މަނާކޮށްފައި ވަނީ "މަސައްކަތެއް ކުރިއަށްދާތީ" ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މާލޭ ހުޅަނގު ފަރާތަކީ ނަޖިސް ހޮޅިތައް، މޫދަށް ގުޅާފައިވާ ސަރަހައްދެކެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ރަސްފަންނު ބީޗު ހަދާފައި ވަނީ އެ ސަރަހައްދަށް ގުޅާފައިވާ ނަޖިސް ހޮޅިތައް ދުރަށް ޖެއްސުމަށް ފަހު ކަމަށެވެ.
ރަސްފަންނު ހުޅުވާފައި ވަނީ އެ ސަރަހައްދުގެ މޫދުން ސާންޕަލްތަކެއް ނަގައި ޓެސްޓުތައް ހެދުމަށް ފަހު އެވެ. އަދި ވަކި މުއްދަތެއް ވަންދެން، އެ ސަރަހައްދުގެ މޫދު ފެން ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.