އެފްއޭއެމް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލަށް އިސްކަންދަރު ސުކޫލާއި މަޖީދިއްޔާ ސުކޫލް ދަތުރުކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު ސްކޫލް ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިމާދުއްދީން ސްކޫލް އަތުން 2-1ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. އެ މެޗުގައި އިމާދުއްދީންގެ ޔޫސުފް ޝަފާއު ކާމިޔާބު ކުރި ގޯލާ އެކު އެ ޓީމުން ލީޑް ނަގާފައިވަނިކޮށް އިސްކަންދަރު ފަހަތުން އަރައި މޮޅުވީ އިބްރާހިމް އިމްރާން ކާމިޔާބު ކުރި ދެ ގޯލުންނެވެ.

މަޖީދިއްޔާ ސްކޫލް ފައިނަލަށް ދަތުރު ކުރީ މިއަދު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 3-0ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ. މަޖީދިއްޔާގެ ގޯލުތައް ކާމިޔާބު ކުރީ އަހުމަދު ޒަޔާން އިސްހާގް އާއި އަހުމަދު ރަސްލާން ހަމީދު އަދި މުހައްމަދު މިއުވާނެވެ.

އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު ހެންވޭރު ބޯޅަ ދަނޑުގަ އެވެ.