އާންމުންގެ މަގުބޫލުކަން ހޯދާފައިވާ "މޯލްޑިވިއަން އައިޑަލް"ގެ ގަދަ ދިހައަކަށް ހޮވުނު ބައިވެރިންގެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިވުމުގެ ގޮތުނު އެ 10 ބައިވެރިންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެވެ.

ޕީއެސްއެމް އާއި މޯޅްޑިވިއަން އައިޑަލްގެ ގަދަ 10 ބައިވެރިންނާއި ދެމެދު ވެވުނު އެއްބަސް ވުމުގެ ތެރެއިން --- ސަން ފޮޓޯ:

ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޝަޔާން ވިދާޅުވީ މޯލްޑިވިއަން އައިޑޮލްއަކަށް ވާނީ އެންމެ ކުއްޖެއް ކަމަށާއި ގަދަ 10 އަށް ހޮވިފައިވާ ބައިވެރިންނަކީ ވެސް ހުނަރުވެރި ބައިވެރިންތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި އެއްބަސް ވަނީ އެ ކުދިން ކަޓައިގެން ދިޔަ ނަމަވެސް އެ ހިސާބުން ދޫކޮށް ނުލާ އެ ހުނަރުވެރި ކުދިންގެ ހުނަރު އިތުރަށް ތަރައްގީ ކޮށްދިނުމަށް. އެކަމަށްޓަކައި މި ކުންފުނީގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭނަން،" ޝާޔަން ވިދާޅުވިއެވެ.

ޕީއެސްއެމް އާއި މޯޅްޑިވިއަން އައިޑަލްގެ ގަދަ 10 ބައިވެރިންނާއި ދެމެދު ވެވުނު އެއްބަސް ވުމަށް ފަހު ޑީއެމްޑީ ސާޔަން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ:

އެގޮތުން ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި ބައެއް ކަހަލަ ތަމްރީން ޕްރޮގުރާމްތައް ހިންގުމާއި ޕީއެސްއެމްގެ ފަރާތުން ބާއްވާ ޝޯތަކުން އެ ބައިވެރިންނަށް ފުރުސަތުތައް ހޯދައިދިނުން ހިމެނެ އެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯގެ ގަދަ 10 ބައިވެރިންނާއި ޕީއެސްއެމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދިގުމިނަކީ ދެ އަހަރު ދުވަހެވެ. ގަދަ ދިހަޔަކަށް ހޮވުނު 10 ބައިވެރިންގެ ތެރެއިން މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ 9 ބައިވެރިންނެވެ.

ޕީއެސްއެމް އާއި މޯޅްޑިވިއަން އައިޑަލްގެ ގަދަ 10 ބައިވެރިންނާއި ދެމެދު ވެވުނު އެއްބަސް ވުމުގެ ތެރެއިން --- ސަން ފޮޓޯ:

މާލޭގައި ނެތުމުގެ ސަބަބުން އަހުމަދު ނަޒީޙް އަށް އެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނު ނަމަވެސް އޭނާއާ އެކު ވެސް އެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު ގަދަ ދިހަ ބައިވެރިންގެ ތެރެއިން މިހާރު ކަޓާފައި ވަނީ ނަޒީހް އާއި ފާތިމަތު އަޒްލީމާ އެވެ. އެ ޝޯގެ ގަދަ 3 ބައިވެރިންނާއެކު، ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހު އެވެ.