20 Mar 2016, 18:50
ވޮޝިންޓަން (މާޗް 20): އަށްޑިހައަށް އަހަރަށް ފަހު އެމެރިކާގެ ރައީސަކު ވެރިކަމުގެ ދައުރުގައި ކިއުބާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ބަރަކް އޮބާމާ ކިއުބާއަށް ވަޑައިގަންނަވައިފި އެވެ.
އޮބާމާ ކިއުބާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އާސާރީ ސަރަހައްދުތަކަށާއި، ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ބައެއް ތަންތަނަށް ޒިޔާރާތް ކުރައްވާނެ ކަމަށް ކިއުބާގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ކިއުބާގެ ރައީސް، ރައުލް ކާސްޓްރޯ އާއި ބައްދަލުކުރައްވައި ދެ ގައުމުގެ އިގުތިސާދާއި، ސަލާމަތީ ކަންތައްތަކާއި މޫސުމާއި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ކިއުބާގެ ރައީސްގެ އިތުރުން، އެގައުމުގެ ބައެއް ވިޔަފާރިވެރިންނާ އޮބާމާ ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ބައެއް އަމިއްލަ ވިޔަފާރިވެރިން ވެސް ބައިވެރިވެ، ދެ ގައުމުގެ މެދުގައި ދިގު މުއްދަތަކަށް ދެމިގެންދާ ގުޅުންތައް ބިނާކުރުމާ ބެހޭގޮތުން ވާހަކަ ދެކެވޭނެ އެވެ.
މީގެ އިތުރުން، ކިއުބާގެ ގްރޭންޑް ތިއެޓާގައި ރައީސް އޮބާމާ އެގައުމުގެ ރައްޔިތުންނާ މުހާތަބު ކުރައްވާނެ އެވެ. އެތަގުރީރު ކިއުބާގެ ރަސްމީ ޓީވީން ބްރޯޑްކާސްޓް ކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
"ރައީސް އޮބާމާގެ ދަތުރުފުޅު ވެގެންދާނީ ދެގައުމުގެ މެދުގައި އޮތް ގުޅުންތައް ވަރުގަދަ ކުރަން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެޅިދާނެ ފިޔަވަޅުތަކަށް ބަލާނެ މުހިއްމު ދަތުރުފުޅަކަށް. އެއީ ދެ ގައުމާ ދެގައުމުގެ ރައްޔިތުންގެ ފައިދާއަށް،" ކިއުބާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ރައީސް އޮބާމާގެ ދަތުރުފުޅުގައި އަނބިކަނބަލުން މިޝޭލް އޮބާމާއާއި ދެދަރިކަނބަލުން ބައިވެރިވެވަޑައި ގަންނަވާނެ އެވެ.