20 Mar 2016, 16:27
ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ހާލު ސީރިއަސްވެ، އޭނާއަށް ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.
އަންހެން މީހާ ތިނަދުއަށް ގެންގޮސްފައި ވަނީ އޭނާ ސިޒޭރިއަން ހެދުމަށް ހޭނެއްތުމަށްފަހު ހޭ ނާރައިގެންނެވެ.
ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، އެ އަންހެން މީހާގެ ހާލު ސީރިއަސް ވެގެން އެ ހޮސްޕިޓަލަށް ގެނައީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިއްޔެ އެ އަންހެން މީހާ ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށާއި، އޭރުވެސް ލޭގެ ޕްރެޝަރު މަތިކަމުން ހޮސްޕިޓަލުގެ ލޭބަރ ރޫމުގައި ބާއްވައިގެން ޕްރެޝަރު ދަށް ކުރުމަށް މަސައްކަތް ކުރި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"ޑޮކްޓަރު ހަމަ އެއްގޮތަކަށްވެސް އެ ކޮންޑިޝަންގަ ފޮނުވާލާކަށް ބޭނުމެއް ނުވި. ވަރަށް ބޮޑަށް ކިޔާދީފަ ލޭބަރ ރޫމުގަ ބާއްވައިގެން ބީޕީ ކޮންޓްރޯލް ކުރަން މަސައްކަތް ވެސް ކުރި. އެކަމު އެމީހުން [އާއިލާ މީހުން] ބާއްވަން ބޭނުން ނޫން ކަމަށް ސޮއިކޮށްލާފަ ދިޔައީ ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ، ރޭ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އަންހެން މީހާ ގެނައި އިރު އޭނާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ނޭވާ ލަމުން އަންނަނީ ވެސް ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ކުޑަކޮށް ހޭ ހުރި ނަމަވެސް، އެކަށީގެންވާ ވަރަށް އޮކްސިޖަން ނުހިފަހައްޓާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް ހޭ އެބަހުރި. ރެސްޕޮންޑު ކުރޭ. އެކަމަކު ވެންޓިލޭޓަރު ނެތިއްޔާ އޮކްސިޖަން ލެވެލް ނުއެއް ހިފަހައްޓާ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލަށް ގެނައި އިރަށް ވުރެ އަންހެން މީހާގެ ހާލު މިހާރު 30 ޕަސެންޓު ވަރު ރަނގަޅު ނަމަވެސް އަދިވެސް ހާލު ސީރިއަސް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އަންހެން މީހާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ އަންހެން މީހާ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
މީގެ ހަ ދުވަސް ކުރިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި މީހާވެސް އަދިވެސް ހޭނާރަ އެވެ.