20 Mar 2016, 16:25
މިސްރުގެ ކުރީގެ ފިރުއައުނު، ޓޫޓަންކްހާމުންގެ މަގުބަރާގައި ސިއްރު ކޮޓަރިތަކެއްވާކަން ރޭޑާ ސްކޭންތަކުން ދައްކައިފި ކަމަށް އެގައުމުގެ އެންޓިކުއިޓީސް މިނިސްޓަރު، މަމްދޫހު އައްދަމަތީ ވިދާޅުވެއްޖެ އެވެ.
މިސްރުގައި ދެކުނުގައި އޮންނަ ވެލީ އޮފް ކިންގްސްގައި ހުރި ކިންގް ޓަޓްގެ މަގުބަރާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ ސްކޭންތަކުން، މަގުބަރާގެ އުތުރު ފަރާތާއި ހުޅަނގު ފަރާތު ފާރުގެ ފަހަތުގައި ފޮރުވިފައިވާ ކޮޓަރިތަކެއްވާކަން ދެއްކި ކަމަށް ރޭޑާ ސްޕެޝަލިސްޓު، ހިރޯކަޓްސޫ ވަޓަނަބީ ވިދާޅުވި އެވެ.
މިނިސްޓަރު އައްދަމަތީ ވިދާޅުވީ އެކޮޓަރިތަކުގައި ވަނީ ދަގަނޑާއި އޯގޭނިކް މާއްދާތައް ކަމަށް ސްކޭންތަކުން ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، އެކޮޓަރިތަކުގައި ޖަވާހިރުތައްވާ ކަމަށް އައްދަމަތީ ވިދާޅުވެފައެއް ނުވެ އެވެ.
"އެހޯދުން ވެގެންދާނީ ޓޫޓަންކްހާމުންގެ މަގުބަރާ އަލަށް ފެނުން ފަދަ ކަމަކަށް. އަދި އެވެދާނެ މިގަރުނުގެ [އެންމެ ފާހަގަކޮށްލެވޭ] ހޯދުން ކަމަށް. އެއީ މިސްރާއި މުޅި ދުނިޔޭގެ ތާރީހަށް ވެސް ވަރަށް މުހިއްމު ހޯދުމެއް،" އައްދަމަތީ ވިދާޅުވި އެވެ.
މަގުބަރާގައި ފޮރުވިފައިވާ ކޮޓަރިތަކުގެ ސައިޒާއި ފާރުތަކުގެ ބޯމިން ބެލުމަށް މިމަހުގެ ފަހުކޮޅު ކަމާ ބެހޭ މާހިރުން އިތުރު ސްކޭންތައް ކުރަން ހަމަޖައްސާފައިވާ ކަމަށް އައްދަމަތީ ވިދާޅުވި އެވެ. ނަމަވެސް، ކޮޓަރިތައް ހުރިކަމުގެ ޔަގީންކަން މިހާރު އޮތީ 90 ޕަސެންޓަށް ކަމަށާއި، 100 ޕަސެންޓް ޔަގީންކަން ލިބުމުގެ ކުރިން މަގުބަރާ ނުކޮންނާނެ ކަމަށް ވެސް އައްދަމަތީ ވިދާޅުވި އެވެ.
ނަވާރަސަތޭކަ ބާވީސް ވަނަ އަހަރު ކިންގް ޓޫޓަންކްހާމުންގެ މަގުބަރާ ހޯދުނު ފަހުން، އެމަގުބަރާ އަނެއްކާ ވެސް ސްކޭން ކުރަން ނިންމީ އިނގިރޭސި އާކިއޮލޮޖިސްޓެއް ކަމަށްވާ ނިކޮލަސް ރީވްސް ހުށަހެޅި ތިއަރީއެއްގެ ސަބަބުންނެވެ. ރީވްސް ގަބޫލުކުރާ ގޮތުގައި ކިންގް ޓުޓްގެ ބައްޕާފުޅު، ފިރުއައުނު އަކެނާޓެންގެ އަނބިކަނބަލުން، ކުއީން ނެފްރަޓީޓީގެ މަހާނަކޮޅު ވެސް އެމަގުބަރާގައިވެ އެވެ. ޓޫޓަންކްހާމުންގެ މަންމާފުޅަކީ ކޮން ބޭކަނބަލެއްކަން ޔަގީން ކުރެވިފައި ނުވެ އެވެ. ނަމަވެސް ބައެއް ސައިންސުވެރިން ގަބޫލު ކުރާ ގޮތުގައި ކިންގް ޓުޓްގެ މަންމާފުޅަކީ ނެފްރަޓީޓީ އެވެ. (ނޫސްއޭޖެންސީތައް)