20 Mar 2016, 15:59
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް، އޮސްޓްރޭލިއާގެ ކުއީންސްލެންޑް ތަމްސީލްކުރައްވާ ސެނެޓަރު އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ އެސިސްޓެންޓް މިނިސްޓަރު ޖޭމްސް މެގްރާތުއާ ބައްދަލުކުރައްވައިފި އެވެ.
ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް ނިޔާޒު މިހާރު އޮސްޓްރޭލިއާގެ ބްރިޒްބަންއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
އެ ބައްދަލުވުން އޮތީ އިއްޔެ ރޭ ބްރިޒްބަންގެ ސިޓީ ކައުންސިލް އިންތިހާބު ލިބަރަލް ޕާޓީ އިން ކާމިޔާބު ކުރިކަން އިއުލާން ކުރުމުގެ ހަފްލާގަ އެވެ.
އެމްޑީޕީ އިން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ޖޭމްސް ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހީނަރުވަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެހެނިހެން ސިޔާސީ ބައެއް ފަރާތްތައް ވެސް ޖަލުގައި ތިބުމުން އެކަން ކުށްވެރިކޮށްފައިވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.
"އެމްޑީޕީ އިސްވެ އޮވެ ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރާ އުނދަގޫ ދަތުރު ކާމިޔާބު ކުރުމަށް އެމްޑީޕީއަށާއި ރާއްޖެ އަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ޖޭމްސް ފާހަގަކުރެއްވެވި އެވެ." އެމްޑީޕީ އިން ބުނެފައިވެ އެވެ.