28 Apr 2011, 13:50
މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަފާތު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ކުރިއަށްގެންދާ "އެޕްރެންޓިސް ޕްރޮގްރާމް"ގެ ތިން ވަނަ ބުރަށް ހޮވުނު 22 ދަރިވަރުންނާ އެކު އަންނަ މަހު އެ ޕްރޮގްރާމް ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.
މިއަހަރު ފަށާ ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމުގެ ތިން ވަރަށް ބުރަށް ހޮވުނު 19 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 12 ކުއްޖަކު މާލޭގައި ހުރި ދިރާގުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އިރު، ބާކީ 10 ކުދިން މަސައްކަތްކުރާނީ އަތޮޅުތަކުގައި ހުންނަ އެކުންފުނީގެ އޮޕަރޭޝަން ސެންޓަރުތަކުގައި އެވެ. އެއީ އެކުދިން އެދިގެން އަމިއްލަ ރަށުގައި މަސައްކަތް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުނެ އެވެ.
މިއަދު ޓްރޭޑާސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި 2011 ވަނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް އެކަމުގެ ސެޓްފިކެޓް ވަނީ ހަވާލުކޮށްދީފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އެ ރަސްމިއްޔާތުގައި، މިދިޔަ އަހަރު އެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށާއި 2009 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިރާގުން އެ ޕްރޮގްރާމް ހުޅުވާލުމުން ބައިވެރިވި ކުދިންގެ ތެރެއިން ދެ އަހަރު ފުރިހަމަ ކުރި ކުދިންނަށް ވެސް ގްރެޖުއޭޝަން ސެޓިފިކެޓް ހަވާލުކޮށްދީފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް )ސީއީ( އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގައި މިހާރު މަސައްކަތްކުރާ 630 މުވައްޒަފުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެންނަކީ ދިވެހިން ކަމަށާއި އެއީ ހިއުމަން ރިސޯސްގެ ދާއިރާ އިން ދިރާގުން ހޯދައިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ހުނަރުތަކެއް ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށާއި އެ ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް ދިރާގުގެ އިތުރުން އެހެން ކުންފުނިތަކުގައި ވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ސީއީ ވިދާޅުވި އެވެ.
"އެޕްރެންޓިސް ޕްރޮގްރާމް ނިމުމަށް ފަހު އެކުންދިންނަކަށް މަޖުބޫރެއް ނުވާނެ ދިރާގުގައި ކޮންމެހެން މަސައްކަތްކުރާކަށް. ކޮންމެ ވަޒީފާއަކަށް ވެސް ދެވިދާނެ. ކޮންމެ ތަނަކަށް ވެސް ދެވިދާނެ. އަޅުގަނޑުމެންގެ ކޮމްޕެޓިޓާއަކަށް [ވާދަވެރި ކުންފުންޏަކަށް] ގޮސް މަސައްކަތްކުރިއަސް އޭގައި އެއްވެސް މައްސަލައެއް ނޯންނާނެ،" ދިރާގުގެ ސީއީ ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު ދިރާގުން ހިންގި ޕްރޮގާމު ފުރިހަމަކުރި 29 ކުދިންގެ ތެރެއިން ބައެއް ކުދިންތައް އެކި ކުންފުނިތަކުގައި ރަނގަޅު ވަޒީފާތައް އަދާކުރަމުންދާ ކަމަށާއި ހަތަރު ކުއްޖަކަށް ދިރާގުން ވަޒީފާ ދާއިމީކޮށްދީފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. ދެހާސް ނުވަ ވަނަ އަހަރު 14 ކުދިން އެޕްރެންޓިސް ޕްރޮގްރާމް ފުރިހަމަކުރިއިރު ޖެހިގެން އައި އަހަރު 15 ކުއްޖަކު އެ ޕްރޮގްރާމް ފުރިަހަމަކޮށްފައިވެ އެވެ.
އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސާއި މެޑިކަލް ބެނެފިޓްގެ އިތުރުން ތަފާތު އިނާޔަތްތަކެއް ހަމަޖައްސައިދޭކަމަށް ދިރާގުން ބުނެ އެވެ. އަދި ކޮންމެ ކުއްޖަކަށް ހާއްސަކޮށްފައިވާ މެންޓާއެއް ނުވަތަ ދިރާގުގެ މެނޭޖްމަންޓުގެ އިސް ފަރާތެއް ހުންނަ ކަމަށާއި އެކުދިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެމީހުން ފޯރުކޮށްދޭނެ ކަމުގައި ވެސް ދިރާގުން ބުނެ އެވެ.