20 Mar 2016, 14:53
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކޮފީ ކްލަބުގެ ތިޖޫރީއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ ކޮފީކްލަބުގެ ތިޖޫރީ އިން ވައްކަން ކޮށްގެން އެމައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އެކަމެއް ހިނގީ ކޮންއިރަކު ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ ކޮފީ ކްލަބުގެ ތިޖޫރީ އިން ވައްކަން ކޮށްފައި ވަނީ ތިޖޫރީ ފަޅާލައިގެން ނޫންކަމަށާއި ތިޖޫރީގެ ސެކިއުރިޓީ ކޯޑު ޖަހައިގެން ކަމަށެވެ. ވަގަށް ނެގި ފައިސާގެ ތެރޭގައި 90،000 ރުފިޔާ އާއި 6000 ޑޮލަރު ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.