ހޮޓެލް ޖެން އާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ގުޅިގެން ހޮޓެލް ޖެންގައި ފަޔާ ޑްރިލްއެއް ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ ހެނދުނު 9:00ގައި ހޮޓެލް ޖެންގައި ފެށި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ތަނުން މީހުން ހުސްކުރުމާއި، މީހުން ސަލާމަތް ކުރާނެ ގޮތްތައް ވަނީ ދައްކާލާފަ އެވެ.

އެ ޑްރިލްގައި އެމްއެންޑީއެފްގެ ފަޔާ ލޮރީތަކާއި އެމްބިއުލާސްތައް ބޭނުން ކުރި އިރު، ހޮޓެލް ޖެން އިން "ސަލާމަތްކޮށްގެން" ނެރުނު ޑްރިލްގެ ބައިވެރިން ތިބީ ދަރުމަވަންތަ ސްކޫލުގަ އެވެ.

ހޮޓެލް ޖެން އަދި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ފަޔާ ޑްރިލްގައި ހޮޓެލް ޖެން އިން މީހަކު ނެރެގެން ގެންދަނީ--

އެ ޑްރިލްގައި އެމްއެންޑީއެފްގެ 40 އޮފިސަރުންނާއި ހޮޓެލްގެ ޖެންގެ 45 ސްޓާފުން އަދި އެ ހޮޓެލުގައި ތިބި ފަސް ގެސްޓުން ވަނީ ބައިވެރިވެފަ އެވެ.

ހޮޓެލް ޖެން އިން ބުނީ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތާއި، ހާދިސާއެއް ދިމާވެއްޖެ ނަމަ އަމަލު ކުރާނެ ގޮތް މުވައްޒަފުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ ކަމަށެވެ.