އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ ބޮޑު ބައެއް އަނދައިފި އެވެ.

ރޯވެފައި ވަނީ ހިތަދޫ ކަނީރުވިލާ ގޭގަ އެވެ. އެއީ ހަތަރު ބިދޭސީން ދިރިއުޅެމުން ދިޔަ ގެ އެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ސަން އަށް ވިދާޅުވީ ހާދިސާ ރިޕޯޓުކޮށްފައި ވަނީ 11:43 ހާއިރު ކަމަށާއި، 11:52 ހާއިރު ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެގޭގެ ތިން ކޮޓަރީގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އޮފިސަރު ވިދާޅުވީ، ގާތްގަނޑަކަށް ގޭގެ 90 ޕަސެންޓް އަނދާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.