20 Mar 2016, 13:49
އައްޑޫސިޓީގެ މަރަދޫ އާއި މަރަދޫ ފޭދޫގައި ފުލުހުން ދިރިއުޅޭ ހަތަރު ގެއެއްގެ ބިއްލޫރިތައް ތަޅާލައި އެގޭތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ ފުލުހުން ދިރިއުޅޭ ހަތަރު ގެއަކަށް ރޭގެ އެކިވަގުތު މަތިން ގެއްލުންދީގެން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ އައްޑޫ މަރަދޫ އާއި މަރަދޫ ފޭދޫގައި ދިރިއުޅޭ ފުލުހުންގެ ގެތަކެއް ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
"އެއީ އައްޑޫ މަރަދޫ އަދި މަރަދޫ ފޭދޫގައި ދިރިއުޅޭ ހަތަރު ފުލުހެއްގެ ގެދޮރަށް ރޭގައި ހަމަލާ ދިނީ. މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ. އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މާލޭ މާފަންނު ސަރަހައްދުގައި ދިރިއުޅޭ އެސްއޯ ދެ ފުލުހަކާއި އެމީހުންގެ އާއިލާއަށް ވެސް ގްރޫޕެއްގެ ބަޔަކު ވަނީ ރޭ އިންޒާރުދީފަ އެވެ. އެނގިފައިވާ ގޮތުން ރޭ އިންޒާރު ދީފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މަރާމާރީއެއް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ، އެސްއޯ ފުލުހުންގެ ބަޔަކު ގ. މަސްއޮޑިގެއަށް ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެންނެވެ.
ފުލުހުންގެ އާއިލާއަށާއި ދެ ފުލުހަކަށް އިންޒާރުދިން މައްސަލަ ބެލުމަށް ފަހު އެ މީހުންނަށް ސެކިއުރިޓީ ދިނުމާ މެދު ވަކިގޮތެއް ނިންމާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުން ރޭ ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ގ. މަސްއޮޑިގޭގައި ހިނގައި ދިޔަ މާރާ މާރީއަކާ ގުޅިގެންނެވެ. ފުލުހުން ބުނެފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މަސްއޮޑިގޭގައި ހިނގި މާރާމާރީގައި ބައެއް މީހުންނަށް އަނިޔާވި ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެސްއޯ ފުލުހުންގެ ބަޔަކު މަސް އޮޑިގެއަށްވަދެ މާރާމާރީ ހިންގި ކަމަށް ބަޔަކު ތުހުމަތު ކުރަމުންދާތީ އެކަން އެކަން ބަލަމުން އަންނަ ކަމަށެވެ.