ބްރެޒަވިލް (މާޗް 20):ކޮންގޯގެ ރިޔާސީ އިންތިހާބު ކުރިއަށްދާ 48 ގަޑި އިރު ތެރޭގައި ފޯނާއި އެސްއެސްއެމްއެސްއާއި އިންޓަނެޓް ބޭނުން ނުކުރެވޭ ގޮތަށް ހަދަން އެގައުމުގެ އިންޓީރިއާ މިނިސްޓަރު، ރޭމަންޑް މުބުލޫ އަންގަވައިފި އެވެ.

ކޮންގޯގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ފޮނުވި ލިޔުމެއްގައިވާ ގޮތުން އެހިދުމަތްތައް މެދުކަނޑާލަން ޖެހުނީ "ސަލާމަތީ ސަބަބުތަކަށްޓަކަ" އެވެ. ކޮންގޯ ސަރުކާރުގެ ފަރާތްތަކުން ބުނި ގޮތުގައި އެފިޔަވަޅު އެޅީ އިންތިހާބު ނަތީޖާއާ ބެހޭގޮތުން "ގާނޫނާ ހިލާފަށް" ހަބަރު ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.

ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސެސޯ ގެސޯ އެގައުމުގެ ވެރިކަން ކުރައްވާތާ 32 އަހަރުވެއްޖެ އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ވެރިކަން ދެ ދައުރަށް ވުރެ ގިނަ ދައުރަށް ކުރެވޭ ގޮތަށާއި އުމުރުން 70 އަހަރުވުމަށް ފަހުގައިވެސް ވެރިކަން ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވާފަ އެވެ.

ރައީސް ގެސޯ ވަނީ މިފަހަރުގެ އިންތިހާބުންވެސް އެނާއާ ވާދަކުރައްވާ ބޭފުޅުންގެ މައްޗަށް ކުރިހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި "ޕެނަލްޓީއެއް ޖެހުމަށްފަހު [މެޗެއް] ކާމިޔާބު" ކުރާ ފަދައިން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)