ޕާޓްނާޝިޕް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.

ދިވެހި ރާއްޖޭގައި ޕާޓްނާޝިޕް އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ކަމާގުޅޭ އުސޫލްތައް ބަޔާން ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޕާޓްނާޝިޕް ވިޔަފާރިއެއްގައި ތިބޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕް އެއްބަސްވުމުގައި ކަނޑައަޅާ ގޮތަށް ޕާޓްނާޝިޕް ގާނޫނަށް ގެމެނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ހުށަހަޅާފައިވާ އިސްލާހު ކޮމެޓީން ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ޕާޓްނާޝިޕްގެ ގާނޫނުގައި ޕާޓްނާޝިޕެއްގައި ގިނަވެގެން ތިބޭނީ 20 ޕާޓްނަރުން ކަމަށް ބަޔާންކޮށްފައިވާ މާއްދާ އަށް މެމްބަރު ޖަމީލު އުސްމާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕާޓްނާޝިޕުގައި އެންމެ ގިނަވެގެން ހިމެނޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ބަޔާން ކުރަންވާނެ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ޕާޓްނާޝިޕެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަންވާނެ ކަމަށާއި މެނޭޖިން ޕާޓްނަރަކީ އާންމުގޮތެއްގައި ދިވެހި ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެ ކަމަށް އޮންނަ މާއްދާއަށް ވެސް ޖަމީލް އުސްމާން ވަނީ އިސްލާޙް ހުށަހަޅުއްވާފަ އެވެ.

ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން އުފައްދާ ލައިބިލިޓީ ޕާޓްނާޝިޕެއްގައި ޕާޓްނަރުން ދަރަންޏަށް ޒިންމާވާން ޖެހޭނެ ގޮތަށް ޖަމީލް އުސްމާނު ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވައި ގިނަ މެމްބަރުން މިއަދު ވަނީ ވާހަކަދައްކަވައިފަ އެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ޖަމީލް އުސްމާނު ހުށަހެޅުއްވި އިސްލާހުގައި މައްސަލަ ހުރި ކަމަށް ވެސް ވިދާޅުވެފަ އެވެ.