20 Mar 2016, 12:29
ނ. ފޮއްދޫ ގޮނޑުދޮށުން ބަރުދަނުގައި 10 ކިލޯ ހުރި، މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް މީގެ ދެހަފްތާކުރިން ހޮވާފައިވާ އިރު އެއީ މާވަހަރެއްތޯ ޔަގީންކުރަން ސްރީލަންކާ އަށް ފޮނުވައިފި އެވެ.
އެ ރަށު ހުޅަނގު ފަރާތު، ފުޓުބޯޅަ ދަނޑާ ދިމާލުން ރާޅުފެން ފަށުން އެ "މާވަހަރު" ހޮވާފައި ވަނީ އެ ރަށު މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭ ށ. ފޯކައިދޫ، ފާތިމަތު ވަސީމާ ކަމަށް ފޮއްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާވަހަރު ހޮވި އާއިލާގެ ބޭފުޅަކު މިއަދު 'ސަން' އަށް ވިދާޅުވީ އެއީ މާވަހަރެއްތޯ ޓެސްޓްކުރުމަށް ސާމްޕަލް އިއްޔެ ސްރީލަންކާ އަށް ފޮނުވާފައިވާ ކަމަށާއި އަދި ނަތީޖާ ލިބޭނެ ވަކިދުވަހެއް ނޭނގޭ ކަމަށެވެ.
އެރަށު ގޮނޑުދޮށުން ފެނިފައި ވަނީ ކަޅު ކުލައިގެން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެކެވެ. އެއީ މާވަހަރަކަށް ވެއްޖެ ނަމަ 5 މިލިއަން ރުފިޔާއަށް އޭތި ވިކޭނެ ކަމަށް ލަފާކުރެވެ އެވެ.