ޒައީމް މައުމޫން ފެކްޝަނުގެ ނަމުގައި ނުރަސްމީކޮށް ހަރަކާތްތެރިވަމުން އައި ތަސްމީނާ ދެކޮޅު ޑީއާރުޕީގެ ފެކްޝަނުން ޒެޑް ޑީއާރުޕީގެ ނަމުގައި އޮޕަރޭޓް ކުރާ ފެކްޝަން ރަސްމީކޮށް އިއުލާންކޮށް މިއަދު ހަރަކާތްތެރިވާން ފަށައިފި އެވެ.

ޒެޑް ޑީއާރުޕީގެ ފުރަތަމަ ކައުންސިލު ބައްދަލުވުން ވެސް ވަނީ ޑީއާރުޕީގެ ކައުންސިލްގެ ހަ މެންބަރުންނާ އެކު ރޭ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގެ އިއްތިފާގުން އައްޔަން ކުރި ޒެޑް ޑީއާރުޕީގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޒެޑް ޑީއާރުޕީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން އެ ކައުންސިލުން ރޭ ނިންމި ނިންމުންތައް މީޑިއާއާ ހިއްސާކޮށްފަ އެވެ.

"އަޅުގަނޑުމެން ރޭގެ ބައްދަލުވުމުގައި ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލީ ޒެޑް ޑީއާރުޕީގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށާއި އަދި ޑީއާރުޕީގެ ގޮފިތަކަށް ތަސްމީން ފެކްޝަނުން މިހާރު ފިއްތާ ފިއްތުންތައް ނައްތާލައި އެމީހުން ޕާޓީ އާ ކައިރި ކުރުމަށް. ޒެޑް ޑީއާރުޕީގެ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވޭ ތަސްމީން ގޮފިތަކުގެ އޮފީސްތައް ބަންދުކޮށް ފޯން ލައިންތައް ކަޑާލާތީ،" ޒެޑް ޑީއާރުޕީގެ ފުރަތަމަ ކައުންސިލު ޖަލްސާއާ ގުޅޭ ގޮތުން މަހުލޫފް ވިދާޅުވި އެވެ.

ޒެޑް ޑީއާރުޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ޑީއާރުޕީން މިހާރު ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރާއި މަހުލޫފާއި މަޝްހޫރު ގާނޫނީ ވަކީލު އާޒިމާ ޝުކޫރާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި މައުމޫންގެ ވަކީލު މުހައްމަދު ވަހީދު [ވައްޑޭ] އާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުލް މުހުސިން ހަމީދެވެ. އެ ކައުންސިލުން ރޭ އެކުލަވާލި ވަގުތީ ކޮމެޓީގައި ހިމެނެނީ ރައީސް އުމަރު ނަސީރާއި ސެކްރެޓަރީއެއްގެ ގޮތުގައި މައުމޫންގެ ދަރިކަނަބަލުން ޔުމްނާ އާއި ރެޖިސްޓްރާއެއްގެ ގޮތުގައި މައުމޫންގެ ތަރުޖަމާން މުހަންމަދު ހުސެން ޝަރީފް (މުންދު) އާއި ތަޖުރިބާ ކާރެއްގެ ގޮތުން ޑރ. މުހައްމަދު ސައުދު އަދި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ.

"މިބޭފުޅުންގެ ފުރިހަމަ ލަފަޔާއި ކައުންސިލްގެ ނިންމުންތަކުގެ މަތިން ޒެޑް ޑީއާރުޕީ ހިނގާނީ،" ވަގުތީ ކޮމެޓީގެ މަސައްކަތްތާ ގުޅޭ ގޮތުން ތަރުޖަމާން މަހުލޫން ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑާޝިޕާ މެދު ހިޔާލުތަފާތުވެ އެ ޕާޓީ ދެ ބަޔަކަށް ފާޅުގައި ބައިވީ އުމަރު ނަސީރު ޕާޓީން ވަކިކުރުމުންނެވެ. އެއާ އެކު ޒައީމް މައުމޫން ވެސް އުމަރާ އެއްކޮޅަށް ބަސްފުޅު ވިދާޅުވުމުން މައުމޫން ފެކްޝަން އުފެދުނެވެ. އަދި މައުމޫން ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އަށް ކުރެއްވި ތާއީދު އަބުރާ ގެންދެވި އެވެ. އަދި މިހާރު ޒައީމް މައުމޫނަށް ތައީދު ކުރާ ޑީއާރުޕީގެ މެންބަރުންނާ އަދި އާއިލާގެ ބޭފުޅުން ޖަލްސާތަކާއި ނޫސްބަޔާންތައް ނެރުއްވަނީ ޒައީމް ފެކްޝަންގެ ލޭބަލްގަ އެވެ.

ޒައީމް މައުމޫން ރަމްޒް ކޮށްދޭ ޒެޑް ޑީއާރުޕީގެ މަގުސަދުތަކާ ގުޅޭ ގޮތުން މަހުލޫފް ވިދާޅުވީ އެ ފެކްޝަނުން މަސައްކަތް ކުރާނީ އަސްލު ޑީއާރުޕީގައި ކޮބައިކަން ރައްޔިތުންނަށް އަންގައި ދިނުމަށް ކަމަށާއި ރިޔާސީ އިންތިހާބުގެ ޑީއާރުޕީގެ ޓިކެޓް ޕުރައިމަރީ އަކުން ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ ތަބަކަކަށްލާފައި ރިޔާސީ ޓިކެޓް ދިނުން ނިމުމަކަށް ގެންނަން. އެކަން އަޅުގަނޑުމެން ކުރާނަން. އަދި އަސްލު ޑީއާރުޕީއަކީ އަޅުގަނޑުމެން. އެކަން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބަޔާންކޮށްދޭން ބޭނުމީ. އެގޮތުން ދަމާލެވޭ ލައިނެއް މިއީ،" ޒެޑް ޑީއާރުޕީގެ މަގުސަދާ ގުޅޭ ގޮތުން މަހުލޫފް ވިދާޅުވި އެވެ.

ޑީއާރުޕީގެ ޒައީމަށް ތާއީދު ކުރާ ޒެޑް ޑީއާރުޕީން ވަނީ ޑީއާރުޕީގެ ކައުންސިލްގެ ހަތަރު މެންބަރަކު އެ ފެކްޝަނަށް ގެންނަން މަސައްކަތް ކުރާކަން އިއުލާންކޮށްފަ އެވެ.

"އަޅުގަނޑުމެން ތަސްމީނަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ ހިސާބުން ލިބޭނެ ކައުންސިލްގެ އަޣުލަބިއްޔަތު. ހަތަރު މެންބަރެއް އެތިބީ އަޅުގަނޑު މި ދެންނެވި ރަނގަޅު ފިޔަވަޅުގެ އިންތިޒާރުގައި،" މަހުލޫފް ވިދާޅުވި އެވެ.
ޒެޑް ޑީއާރުޕީން ބުނީ އެ ފެކްޝަންގައި 38،000 މެންބަރުން މިހާރު ވެސް އެބަތިބި ކަމަށެވެ.

ރަސްމީކޮށް ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކުން ފެކްޝަނެއް މިއަދު އިއުލާން ކުރި އިރު ތަސްމީން ފެކްޝަނުން ވަނީ ޑީއާރުޕީގެ ލޯގޯ އާއި ލެޓަހެޑް ޒެޑް ޑީޢަރުޕީން ބޭނުންކުރާތީ އެކަމަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް އާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް ޒެޑް ޑީއާރުޕީން މިއަދު ވެސް ބުނީ އެމީހުން ބޭނުންކުރާނީ ޑީއާރުޕީގެ ދިދަ އާއި ލޯގޯ އާއި އަދި ލެޑަހެޑް ކަމަށެވެ.