20 Mar 2016, 14:04
ސްޕެއިންގެ އެތުލެޓިކް ބިލްބާއޯއަށް ކުޅެމުންއަންނަ ހުނަރުވެރި މިޑްފީލްޑަރު އޮސްކާ ޑި މާކޯސްއަށް އިނގިރޭސި ލީގް ޗެމްޕިއަން ޗެލްސީން ފާރަލަމުން ދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ޓްރާންސްފާ ފީ މިހާރުވެސް 20 މިލިއަން ޕައުންޑްގައި ރޭޓްކުރެވޭ ސްޕެނިޝް ޑިފެންސިވް މިޑްފީލްޑަރު މިސީޒަންގައި ކުޅެފައިވާ ގިނަ މެޗުތައް ޗެލްސީގެ އޮފިޝަލުން ދަނީ މޮނިޓާކުރަމުންނެވެ.
ޗެލްސީއަށް ކުރީން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ރަމިރޭޒް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޗައިނާގެ ޖިއާންސޫއަށް ބަދަލުވި ހިސާބުން އެ ކްލަބްގެ މެދުތެރެއަށް ކުޅޭނޭ ކުޅުންތެރިއެއްގެ މުހިއްމުކަން ބޮޑުވެފައިވާއިރު، އުމުރުން 26 އަހަރުގެ މާކޯސްއަކީ އެމަގާމަށް ވަރަށް އެކަށީގެންވާ ކުޅުންތެރިއެކެވެ.
އެތުލެޓިކް ބިލްބާއޯއާ 2009 ވަނަ އަހަރު ގުޅުނު ޑި މާކޯސް ވަނީ މިސީޒަންގައި މިހާތަނަށް އެޓީމަށް 44 މެޗު ކުޅެ، 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ އެޓީމަށް ޖުމުލަ 199 މެޗު ކުޅެ އެ މުއްދަތުގެ ތެރޭގައި ޖުމުލަ 18 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޑި މާކޯސްގެ ބުންވަރާއި ކުޅުމުގެ ފެންވަރަށް ބަލާފައި އޭނާއަކީ ޕްރިމިއަ ލީގު ފަދަ ވަރުގަދަ ލީގަކަށް އެންމެ އެކަށޭނަ ކުޅުންތެރިއެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން މީގެ ތިން އަހަރު ކުރީން މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ ޑި މާކޯސް އެ ކްލަބަށް ގެންނަން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އޭރު ބިލްބާއޯއިން ޑި މާކޯސް ވިއްކާލަން ކީ އަގު ބޮޑުވުމުން ޔުނައިޓެޑުން ގަޔާނުވީއެވެ.
މި ސީޒަންގެ ކުރީކޮޅުގައި ދަށް ނަތީޖާތަކެއް ނެރުމުގެ ސަބަބުން ޗެލްސީއަށް ވަނީ، ލީގު ދިފާއުކުރުމުގެ ފުރުސަތު މިފަހަރު އެއްކޮށް ގެއްލިފައެވެ. އެހެންކަމުން ކުރިއަށް އޮތް ޓްރާންފާގައި އެޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނޭ ކަމަށް ބެލެވޭއިރު، ޑި މާކޯސްއަކީ އެޓީމާ ގުޅޭނޭ މުހިއްމު އެއް ކުޅުންތެރިއަކު ކަމަށް ރިޕޯޓްތައް ބުނެއެވެ.