ސްޕެނިޝް ލީގުގައި ރޭ، ތާވަލުގެ ފުލުން ދެވަނައިގައި އޮތް ސްޕޯޓިން ގިޖޯން އަތުން 2-1ގެ ނަތީޖާ އަކުން އެތުލެޓިކޯ މެޑްރިޑް ބަލިވުމުން ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ލީޑް އިތުރަށް ފުޅާ ކުރަން ފުރުސަތު ބޮޑުވެއްޖެއެވެ.

ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 29 މެޗުން 75 ޕޮއިންޓް ލިބޭއިރު މިރޭ ވިޔަރެއާލްއާ ކުޅޭ މެޗު ކާމިޔާބް ކޮށްގެން އެ ޓީމަށް އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. އެތުލެޓިކޯ މެޑްރިޑް އޮތީ 30 މެޗުން 67 ޕޮއިންޓް ހޯދައިގެން ދެވަނައިގައެވެ. އެތުލެޓިކޯ އަތުން މޮޅުވި ސްޕޯޓިން އޮތީ 27 ޕޮއިންޓާ އެކު ތާވަލުގެ ފުލުން ދެވަނައިގައެވެ.

ސްޕޯޓިންގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ލީޑް ވެސް ނަގާފައެވެ. އެ ގޯލު 29 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބް ކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އެންޓޮއިން ގްރިޒްމަންއެވެ.

ފުރަތަމަ ހާފް އެތުލެޓިކޯ ލީޑުގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފްގައި ސްޕޯޓިން އިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 79 ވަނަ މިނެޓްގައި އެންތޯނިއާ ސަނަބްރިއާ ވަނީ އެތުލެޓިކޯގެ ގޯލު ފޫއަޅުވާލާފައެވެ. އެ ގޯލަށް ފަހު ސްޕޯޓިން އިން އެތުލެޓިކޯގެ ގޯލަށް ނުރައްކާ ކުރިއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައިވަނިކޮށް ކާލޯސް ކާސްޓްރޯގެ ގޯލުން ސްޕޯޓިން ވަނީ މެޗުގެ ލީޑް ނަގާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ، އެ ،މެޗުން ބަލިވުމުން ލީގް ހޯދަން އުނދަގޫ ވާނެ ކަމަށާއި ނަމަވެސް އެ ޓީމުން މި ސީޒަނަށް ކަނޑައެޅި ޓާގެޓް ކަމަށްވާ ގަދަ ތިނެއްގައި ނިންމާލެވޭނެ ކަމަގު ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށެވެ.

"މެޗު ފެށިގެން ފުރަތަމަ ހާފްގައި އެތުލެޓިކޯ އިން ރަނގަޅު ކުޅެމެއް ދެއްކި ނަމަވެސް ފަހު ހާފްގައި ފަރުވާ ކުޑަކޮށްލުމުން މެޗު ގެއްލިގެން ދިޔައީ،" ސިމިއޯނީ ބުންޏެވެ.