20 Mar 2016, 12:36
ގާހިރާ (މާޗް 20) : މުސްލިމުންނާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ހަރުކަށި އަމަލުތައް ފާއިތުވި އަހަރުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިފަދަ ކަންކަން ބަލައި މޮނިޓަރު ކުރާ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ރިލިޖަސް އޮބަޒަވޭޓްރީ އިން ބުނެފި އެވެ.
މި އޮބްޒަވޭޓްރީން ނެރުނު ރިޕޯޓެއްގައި ދުނިޔޭގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތައް (އިސްލާމް ފޯބިޔާ) މިދިޔަ އަހަރު އެންމެ ބޮޑަށް ހިންގާފައި ވަނީ ޔޫރަޕްގެ ގައުމުތަކުގައާއި އެމެރިކާ އާއި އޮސްޓްރޭލިޔާގައި ކަމަށް ބުނެފައިވެ އެވެ. ޔޫރަޕަށް ބަލާއިރު ފަރަންސޭސިވިލާތުގައި މިދިޔަ އަހަރު މުސްލިމުންނާ ދެކޮޅަށް އުދުވާނީ އަމަލުގެ 128 އަމަލު ހިންގާފައިވެ އެވެ.
އިނގިރޭސިވިލާތަށް ބަލާއިރު 2015 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް 158 އުދުވާނީ އަމަލު ހިންގާފައިވާކަން އެގައުމުގެ ފުލުހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އަންނަ މުސްލިމުންނަށް އަމާޒުކޮށް 2015 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖަރުމަނުގަ އާއި އޮސްޓްރިޔާގައި 173 ޙަމަލާދީފައިވާ އިރު މިޙަމަލާތައް ދީފައި ވަނީ މުސްލިމުންގެ ރެފިއުޖީން ތިބޭ ކޭމްޕްތަކަށެވެ. މީގެ އިތުރުން މިދެގައުމުގެ މިސްކިތްތަކަށް މި މުއްދަތުގައި 23 ޙަމަލާދީފައިވެ އެވެ. އަދި މުސްލިމުންނަށް ގޯނާކުރުމަށާއި ދުއްތުރާ ކުރުމަށް ހިއްވަރުދީ ދޮންމީހުންގެ ހަރުކަށި ފަރާތްތަކުން ޔޫރަޕްގައި 64 މުޒާހަރާ ބާއްވާފައިވެ އެވެ.
ސްޕޭންގައި ވެސް މިދިޔަ އަހަރު މުސްލިމުންނާ ދެކޮޅަށް 180 ހަމަލާދީފައިވެ އެވެ. އެމެރިކާއަށް ބަލާއިރު މުސްލިމުންނާ ދެކޮޅަށް ނުރުހުމާއި ނަފްރަތުގެ އެތައް ސަތޭކަ ލިޔުންތަކާއި ރިޕޯޓްތަކާއި ޚަބަރުތައް ނެރެފައިވެ އެވެ. އަދި މުސްލިމުންނަށް ގެއްލުން ދިނުމަށް ޓަކައި އެމެރިކާގައި 63 ހަމަލާ ހިންގާފައިވާކަން އަލްއަޒްހަރުގެ އޮބްޒަވޭޓްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮސްޓްރޭލިޔާ އަށް ބަލާއިރު އެ ގައުމުގައި އުޅޭ އެހެންދީންތަކުގެ މީހުންނާ ޚިލާފަށް މުސްލިމުންނަށް ކުރާ ގޯނާތައް ތިންގުނައަށް އިތުރުވެ މުސްލިމުންނާ މެދު ތަފާތުކުރުމުގެ އެތައް ސަތޭކަ އަމަލުތަކެއް ރަސްމީ ފެންވަރުގައާއި ނުރަސްމީ ފެންވަރުގައި ހިންގާފައިވެ އެވެ. މިޔަންމާއަށް ބަލާއިރު އެގައުމުގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަށް ދޭ އަނިޔާވެރި ހަމަލާތަކާއި ހިންގާ ނަސްލީ އިމްތިޔާޒުގެ އަމަލުތައް އިތުވެފައިވާކަން ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ޔޫރަޕާއި އެމެރިކާ އަދި އޮސްޓްރޭލިޔާގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމަށް ހިއްވަރު ލިބިފައި ވަނީ މައިގަނޑު ހަތަރު ސަބަބަކާ ގުޅިގެންކަން ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މިހަތަރު ސަބަބަކީ މުސްލިމުން ބަދުނާމު ވާގޮތަށް ގެނަސްދޭ މީޑިއާ ރިޕޯޓްތަކާއި މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި މިސްކިތްތަކަކީ ޓެރަރިސްޓުން ތަމްރީން ކުރަތަންތަނުގެ ގޮތުގައި ރަސްމީ ފެންވަރުގައި ތުހުމަތުތައް ކުރުމާއި އިސްލާމް ދީނަކީ ހަރުކަށި ކަމަށް ގޮވާލާ ދީނެއްކަމަށް ޔޫރަޕްގެ ބައެއް ފަރާތްތަކަށް ގަބޫލުކުރެވޭ މައްސަލަ ކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. (އަލްޖަޒީރާ)