އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ބައްދަލުކުރުމަށް މީގެކުރިން ވަކީލުންނަށާއި އާއިލާތަކަށް ދެމުންދިޔަ ފުރުސަތު ހަނިކޮށްފި އެވެ.

ވަކީލުންނަށް މިއަދު ދޫނިދޫއިން އެންގި އެންގުމެއްގައި ބުނެފައި ވަނީ އެފުރުސަތު ހަނިކޮށްފައިވަނީ މިހާރަށްވުރެ ގިނަ ފަރާތްތަކަށް ބަނދުގައި ތިބޭ މީހުންނާއި ބައްދަލުކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މީގެކުރިން އެއްވެސް ލިމިޓެއް ނެތި ހަފްތާގެ ހަތް ދުވަހު މުވައްކިލާއި ބައްދަލުކުރުމުގެ ފުރުސަތު ވަކީލުންނަށް ލިބުނު ނަމަވެސް ކަސްޓޯޑިއަލްއިން ނިންމި ނިންމުމާ ގުޅިގެން މިހާރު ވަކީލުންނަށް ފުލުހުންގެ ބަންދުގައި ހުންނަ މުވައްކިލާ ބައްދަލު ކުރެވޭނީ ހަފްތާއަކު ދެ ދުވަހު އެވެ. އަދި ބައްދަލު ކުރެވޭނެ އެންމެ ދިގު ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއް ގަޑިއިރާ ތިރީސް މިނެޓެވެ.

ހުކުރުދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ފުލުހުންގެ ބަންދުގައި ހުންނަ އެއްވެސް މީހަކާ ވަކީލުންނަށްވެސް ބައްދަލު ނުކުރެވޭނެ ކަމަށް ކަސްޓޯޑިއަލްގެ ނިންމުމުގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ވަރަށް ގިނަ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި ވަކީލަކު 'ސަން' އަށް ވިދާޅުވީ، އެކަމާ ގުޅިގެން މައްސަލަތަކަށް ތައްޔާރުވުމަށް ލިބޭ ފުރުސަތަށް ބުރޫއަރާ ކަމަށެވެ. އަދި ހަފްތާއަކު ދެދުވަހު ހެނދުނު ނުވައަކުން ރޭގަނޑު ދިހައަކަށް ބައްދަލު ކުރެވޭނެ ކަމަށް ބުނި ނަމަވެސް ދޫނިދުއަށް އެރޭނީ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެކުރިން އާއިލީ އެކަހެރި ބައްދަލުވުންތަކަށް ކޮންމެ ހަތްދުވަހުން އެއްދުވަހު އެއްގަޑިއިރު ހަމަޖައްސާފައިވީ ނަމަވެސް މިހާރު ގެނައި ބަދަލާއި ގުޅިގެން އާއިލާތަކަށް ފުލުހުންގެ ބަންދުގައި ހުންނަ މީހަކާ ބައްދަލުކުރެވޭނީ ކޮންމެ 15 ދުވަހަކުން އެއްދުވަހު އެއްގަޑިއިރަށެވެ.

އާއިލީ ބައްދަލުވުން ދެވޭނީ ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ބަންދުގައި ހުންނަ މީހަކަށް ކަމަށް ކަސްޓޯޑިއަލްގެ ނިންމުމުގައި ބުނެފައިވެ އެވެ. ނަމަވެސް ތަހުގީގުކުރާ ފަރާތުގެ ހުއްދައާއެކު ކޮންމެހެން ބައްދަލުކުރަން ޖެހޭ ފަރާތެއް ނަމަ ބައްދަލުވުން ހަމަޖެއްސިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.