އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް އެހީތެރި ވާނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް ބިން އަބްދުލްއަޒީޒް އަލް އައްސާފް އާއި ބައްދަލު ކުރައްވާފައިވާއިރު އެބައްދަލުވުމުގައި އައިއެންއައިއޭ ތަރައްގީ ކުރުމަށް ސައުދީން ދެއްވުމަށް ނިންމާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު އެގްރިމެންޓުގައި ސޮއިކުރުން އަވަސް ކޮށްދެއްވާނެ ކަމުގެ ޔަގީންވަނީ ދީފައެވެ.

އެފައިސާގެ އިތުރުން ޔޫތުސިޓީ ތަރައްގީކުރުމަށް ދެއްވާފައިވާ 80 މިލިއަން ޑޮލަރާއި ރާއްޖޭގެ ތަރައްގީއަށް އިސްކަންދޭ އިތުރު މަޝްރޫތަކަށް ފައިސާ ދެއްވުމުގެ ޝައުގުވެރިކަންވެސް ސައުދީން ފާޅުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު ރާއްޖޭގައި އިސްލާމިކް ފައިނޭންސް ސެންޓަރު ތަރައްގީ ކުރުމަށާއި އެކަމުގެ އަމަލީ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް އެދި ސައުދީ ފިނޭންސް މިނިސްޓަރު އަރިހުން މިނިސްޓަރު ޖިހާދު ވަނީ އެދިވަޑައިގެންފައެވެ.