ކްރިސްޓިއާނޯ ރޮނާލްޑޯ ލައްވައި ފޯވާޑްލައިންގެ މެދުތެރެއަށް ކުޅުވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭނާއަށް ބޭނުންވަނީ އަމިއްލައަށް ބޯޅަ ހޯދައިގެން ކުޅެވޭފަދަ މަގާމެއް ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އަންޗެލޮޓީ ރެއާލަށް އިރުޝާދުދެމުން ދިޔަ ދުވަސްވަރު ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، މިސީޒަންގައި އޭނާގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ގިނަ ބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. އަންޗެލޮޓީ ބުނީ ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑް ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނީ، މެދުތެރެ ނޫން އެހެން މަގާމަކަށް އޭނާލައްވައި ކުޅުވައިގެން ކަމަށެވެ.

"އޭނާ [ރޮނާލްޑޯ] އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އަދި ވޭތުވެދިޔަ ތަނުގައި އެންމެ މޮޅު ފޯވާޑް. ރޮނާލްޑޯއަށްވުރެ ވަކިން މޮޅު ކުޅުންތެރިއަކަށް އަހަރެން ދުވަހަކުވެސް ކޯޗުކޮށެއް ނުދެން،" ސީނާ ސްޕޯޓްސްގައި އެންޗެލޮޓީ އޭނާގެ ކޮލަމްގައި ލިޔެފައި ވެއެވެ.

މިސީޒަންގައި ރޮނާލްޑޯއަށް ފާޑުކިއުންތަކާ އަމާޒުވެފައިވާއިރު، ހާއްސަކޮށް ރެއާލްގެ ސެންޓިއާގޯ ބެރްނަބެއުގައި ކުޅޭ މެޗުތައް ފިޔަވައި އަވޭ މެޗުތަކުގައި އޭނާގެ ޕާފޮމަންސް ދަށްކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން މިސީޒަންގައި މިހާތަނަށް ރެއާލަށް 37 މެޗު ރޮނާލްޑޯ ކުޅެދީފައިވާއިރު އޭނާއަށް ކާމިޔާބުކުރެވިފައި ވަނީ 40 ގޯލްއެވެ.

ރޮނާލްޑޯ ވަނީ އަންޗެލޮޓީ ރެއާލަށް ކޯޗްކޮށްދިން 2013 އަދި 2014 ވަނަ އަހަރުވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ފީފާ ބެލޮންޑޯ އެވޯޑް ހާސިލްކޮށްފައެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު، ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު އެ އެވޯޑް ހާސިލްކުރީ އާޖެންޓީނާ އަދި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއެވެ.

ޗެމްޕިއަންސް ލީގުގައި ރޯމާއަތުން 4-0ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ރެއާލް ދަތުރުކުރި މެޗަށް ފަހު، އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ރޮނާލްޑޯގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އެހެންނަމަވެސް، އަންނަ ސީޒަންގައި ބަޔާން މިއުނިކާ ހަވާލުވުމަށް ތައްޔާރުވަމުންދާ އެންޗެލޮޓީ ބުނީ، ސެންޓްރަލް ސްޓްރައިކަރަކަށް ބޭނުންކުރާހާ ހިނދަކު ރޮނާލްޑޯއަށް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކޭނޭ ކަމަށެވެ.

"ރޮނާލްޑޯއަށް ކަމުނުދާ އޮފެންސިވް މަގާމެއްވޭ. އެއީ ސެންޓަ-ފޯވާޑްގެ ރޯލް،" އަންޗެލޮޓީ ބުންޏެވެ.

"ކްރިސްޓިއާނޯ ބޭނުމެއް ނުވާނެ ގޯލަށް ފުރަގަސްދީގެން ހުރެ ކުޅޭކަށް. އޭނާ ބޭނުންވާނީ ދެފަރާތުން ބޯޅަ ހޯދައިގެން އިދިކޮޅު ގޯލަށް ހަމަލާތައް އުފައްދަން."

އަންޗެލޮޓީ ބުނީ، އޭނާގެ އިރުޝާދުގެ ދަށުން ރެއާލް ކުޅެމުން ދިޔަ 4-3-3 ފޯމެޓްގައި ވެސް ވާތްފަރާތު ވިންގަކަށް ރޮނާލްޑޯ ބޭނުންކުރި ކަމަށެވެ. އެހެންނަމަވެސް އޭނާއަށް އެގޮތަށް އެއްތަނަކަށް ކުޅުމަށްވުރެ ދެފަރާތުން އެޓޭކިން ވިންގަކަށް އަދި ބައެއްފަހަރު ޕްލޭމޭކަރެއްގެ ގޮތުގައި ބޭނުންކުރުމުން މިނިވަންކަމާއެކު އޭނާގެ އަސްލު ހުނަރު ދައްކާލަން ފުރުސަތު ހޯދާކަން ފާހަގަކުރެވުނުކަމަށެވެ.