ހަވީރީ ހިނގުމުގައި ހުންނަ މަދަނީ ވެހި އިމާރާތުގައި ހިންގަމުން ގެންދިޔަ ސިވިލް ކޯޓުގެ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތައް ޖަސްޓިސް ބިލްޑިންގް ގެ އިމާރާތަށް ބަދަލު ކުރުމާ ގުޅިގެން، ބައެސް ސެކްޝަންގައި މައްސަލަތައް ކުރިއަށް ގެންދިއުން ދެ ދުވަހަށް ފަސްކޮށްފި އެވެ.

ސިވިލް ކޯޓުގެ ސެކްޝަންތައް ބަދަލުކޮށްފައި ވަނީ ޖަސްޓިސް ބިލްޑިންގައި ކްރިމިނަލް ކޯޓު ހިންގަމުން އައި ދެވަނަ ފަންގިފިލާ އަށެވެ. ކްރިމިނަލް ކޯޓު މިހާރު ވަނީ އެސްޓީއޯގެ އިމާރާތަށް ބަދަލުކޮށްފަ އެވެ.

މިހާރު ގެނެވުނު ބަދަލާ އެކު ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑް ފްލޯރގައި ހިންގަމުންދާނީ އެ ކޯޓުގެ ރަޖިސްޓްރާރ ސެކްޝަނާއި، ފައިސާއާބެހޭ ސެކްޝަންނާއި ރިޕޯޓު ސެކްޝަން އަދި ރިކޯޑު ސެކްޝަނެވެ.

ދެވަނަ ފަންގިފިލާ ގައި ހިންގަމުންދާނީ އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގެ ތިން ސެކްޝަނާއި، ހުކުމް ތަންފީޒުކުރުމާބެހޭ ޑިވިޜަންގެ ދެ ސެކްޝަނާއި، އައިޓީ ސެކްޝަނާއި، ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަން އަދި ރަޖިސްޓްރޭޝަން ސެކްޝަން ކަމަށް ސިވިލް ކޯޓުން ބުނެ އެވެ.

"މިގޮތަށް މިބަދަލުތައް ގެނެވުމާއި ގުޅިގެން މަސައްކަތުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި އަދި ހުކުމް ތަންފީޒުކުރުމާބެހޭ ޑިވިޜަނުގެ މައްސަލަތައް 20 މާރިޗް 2016 މިތާރީހުން ފެށިގެން ދެ ދުވަހަށް ކުރިއަށް ގެންދިޔުން ވަނީ ފަސްކުރެވިފައެވެ." އެ ކޯޓުން ބުނެފައިވެ އެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި އަދި ހުކުމް ތަންފީޒުކުރުމާބެހޭ ޑިވިޜަނުގެ މައްސަލަތައް ފަސްކުރެވުނު ނަމަވެސް އެހެން ސެކްޝަން ތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.