20 Mar 2016, 10:29
ރިޔާދް (މާޗް 20):އުމްރާ ކުރަން ސައުދީ އަރަބިއާއަށް ދިޔަ މިސްރުގެ 19 މީހަކު އިއްޔެ ބަސް އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
މިސްރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، އެ ހާދިސާގައި 19 މީހެއްގެ އިތުރުން ކުޑަކުއްޖަކު މަރުވެފައިވާ ކަމަށާއި 15 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
"ޖިއްދާއާ މަދީނާއާ ދެމެދު އޮންނަ ހިޖުރާ މަގުން ދަތުރުކޮށްފައި ދަނިކޮށް ބަސް ފުރޮޅާލުމުން 19 މީހަކު މަރުވި. ބަސް ދުއްވަން ހުރި މީހާ ފިޔަވައި ދެން ތިބީ އަރަބި ގައުމަކަށް ނިސްބަތްވާ ރައްޔިތުން،" ސައުދީ ރެޑް ކްރެސެންޓްގެ ތަރުޖަމާނު، ހާލިދް ބިން ސައީދު އައްސިހްލީ ވިދާޅުވި އެވެ.
އަދި އިތުރު 22 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ދެރަކަމަށް ސިހްލީ ވިދާޅުވި އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ބަސް ފުރޮޅާލީ އެއުޅަނދު ދުއްވަން ހުރި މީހާ ނިދުމުގެ ސަބަބުން ބަސް ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުންނެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު އުރުދުންގައި ހިނގި އެފަދަ ބަސް އެކްސިޑެންޓެއްގައި 14 މީހަކު މަރުވެ 36 މީހަކަށް އަނިޔާވި އެވެ. (އޭއެފްޕީ)