ތުރުކީން ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކުރާ މީހުން މަދުކުރުން އީޔޫ އާއި ތުރުކީއާ ދެމެދު ހެދި އެއްބަސްވުމަށް ރަސްމީކޮށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

އެއެއްބަސްވުމުގެ ދަށުން ގްރީސްއަށް ހިޖުރަ ކުރާ މީހުން ހިމާޔަތައް ނޭދޭ ނަމަ ނުވަތަ އެމީހަކަށް ހިމާޔަތް ދިނުމަށް އެގައުމުން ދެކޮޅު ހަދައިފި ނަމަ އެރެފިއުޖީން ތުރުކީއަށް ފޮނުވާލެވޭނެ އެވެ. އަދި ތުރުކީއަށް އަނބުރާ ފޮނުވާލާ އެފަދަ ކޮންމެ ސީރިޔާ ރައްޔިތެއްގެ ބަދަލުގައި، ތުރުކީގައި މިހާރު ވަޒަންވެރިވެފައިވާ ސީރިޔާ ރައްޔިތަކަށް އީޔޫގެ ގައުމަކަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ނަމަވެސް، ރެފިއުޖީން އަނބުރާ ފޮނުވާނެ ގޮތެއް ކަނޑައަޅާފައި ނުވުމުންނާއި އެއްބަސްވުން ހެދުމާ ގާތްކޮށް ގްރީސްއަށް ހިޖުރަ ކުރާ މީހުން އިތުރުވުމުގެ ސަބަބުން އެއްބަސްވުމަށް ވަގުތުން އަމަލު ކުރަން ނުފެށޭނެ ކަމަށް ގްރީސް އިން ވަނީ ބުނެފަ އެވެ.

އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް ބޭނުންވާ ބައެއް ތަފްސީލުތައް ނިމިފައި ނުވަނީ، އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ ގޮތުން ބޭރުގައުމުތަކުން ގްރީސްއަށް ދާން ހަމަޖައްސާފައިވާ 2،300 ސަލާމަތީ ފަރާތްތަކާއި މައިގްރެންޓް އޮފިޝަލުންނާއި ތަރުޖަމާކޮށްދޭ ފަރާތްތަކާއި އެހެނިހެން ކަމާ ބެހޭ މާހިރުން އަދިވެސް ގްރީސް އަށް ގޮސްފައިނުވުމުގެ ސަބަބުން ކަމަށް ގްރީސްގެ އޮފިޝަލުން ބުންޏެވެ.

"ސައުވީސް ގަޑި އިރު ތެރޭގައި މިފަދަ އެއްބަސްވުމަކަށް އަމަލު ކުރަން ނުފެށޭނެ،" ގްރީސް ސަރުކާރުގެ މައިގްރޭޝަން އޮފިޝަލަކު ވިދާޅުވި އެވެ.

އީޔޫ އިން އުއްމީދު ކުރަނީ އެއެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ބައެއް ރެފިއުޖީން ތުރުކީން ގްރީސްއަށް ކުރާ ނުރައްކާތެރި ކަނޑު ދަތުރުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ތުރުކީގައި ދިރިއުޅޭ ރެފިއުޖީންނަށް އީޔޫ އިން ހަ ބިލިއަން ޑޮލަރުގެ އެހީ ދޭނެ އެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން އެއް މިލިއަން ރެފިއުޖީން ވަނީ ތުރުކީން ގްރީސް އަށް ބޯޓުން ދަތުރުކޮށްފަ އެވެ. އަދި މި އަހަރު އެކަނި ވެސް 143،000 މީހުން ވަނީ ގްރީސްއަށް ދަތުރުކޮށްފަ އެވެ. އެ ދަތުރުތަކުގައި 460 މީހަކު ވަނީ މަރުވެފަ އެވެ. (ބީބީސީ)