ފްރެންޗް ޑިވެލޮޕްމަންޓް އޭޖެންސީގެ ލޯން އެހީގެ ދަށުން ރ. އުނގޫފާރާއި ނ. މަނަދޫގައި ހެދުމަށް ހަމަޖައްސާފައިވާ ބަނދަރުގެ މަސައްކަތް 6.3 މިލިޔަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމް،ޓީ،ސީ،ސީ) އާ އިއްޔެ ޙަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި އެ ދެ ބަނދަރު ހެދުމުގެ ކޮންޓްރެކްޓްގައި އިއްޔެ ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި 2.4 މިލިޔަން ޑޮލަރުގެ ޚަރަދުކޮށްގެން ރ. އުނގޫފާރުގައި ހެދުމަށް ހަމަޖެހިފައިވާ 726.7 ފޫޓްދިގު، 374 ފޫޓް ފުލާ ބަނދަރެކެވެ. މަނަދޫގައި 3.9 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދަނީ 1062.9 ފޫޓް ދިގު، 364.2 ފޫޓް ފުޅާ މިނުގެ ބަނދަރެކެވެ.

ރ. އުނގޫފާރާއި ނ. މަނަދޫ ބަނދަރަކީ، ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ކުރިން ހަދާފައިވާ ބަނދަރެކެވެ. ނަމަވެސް ސުނާމީ ކާރިސާގައި އެ ދެ ރަށުގެ ބަނދަރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.