20 Mar 2016, 09:53
ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކި މައްސަލައިގައި އެކާރުގެ ވެރިފަރާތާ ފުލުހުން ސުވާލުކޮށްފިއެވެ.
ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ބަނގުރާ އުކި މީހުން ދުއްވި ކާރުގެ ވެރިމީހާ އެހެން މައްސަލައެއްގައި ފުލުހުންގެ ބަންދުގައި އެބަހުރި ކަމަށާއި އަދި ބަނގުރަލުގެ މައްސަލާގައި އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
ރާފުޅިތައް މާލޭގެ މަގުތަކަށް އުކި މައްސަލައަށް މިއަދު މަހެއް ވެފައިވާއިރު އެމައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

މާލޭގެ މަގަކަށް އެއްލާލި ބަނގުރާފުޅިއެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާއިރު އޮފިޝަލް ވިދާޅުވީ، އެކަންކުރި ބަޔަކު ދެނެގަންނަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ފުލުހުން ކެނޑިނޭޅި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކާރަކީ ކަޅު ބިއްލޫރި ކާރެއް، އެހެންވީމަ އެމީހުންގެ ފޭސްތަކެއް ފުލުހުންނަކަށް ނުލިބޭ، ސީސީޓީވީ ބަލައިގެން ވަރަށް މަސައްކަތް ކުރަމުން އެދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ބަނގުރާފުޅިތައް އުކި މައްސަލައާ ގުޅިގެން އެކަން ހިނގި ދުވަސްނޫން އަނެއް ދުވަހު ފުލުހުން ވަނީ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކާރަކީ ބަނގުރާ އުކި ފަރާތްތަކުން ދުއްވި ކާރެވެ.
ކަޅުތުއްކަލާ ކޮށިން ފެށިގެން ދަރުބާރުގެއާއި މާލޭގެ އެކި ސަރަހައްދަށް ބަނގުރާ ފުޅިތަކެއް އުކާފައިވާ އިރު އެކަންކޮށްފައި ވަނީ ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދިޔަ ބަޔަކު ކަމަށް މަންޒަރު ދުށް މީހުން ސަންއަށް ކިޔައިދިނެވެ.
އެ ރޭ ވަނީ މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާ އުކާފައެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެއީ ހުޅުމާލޭގައި އޮތް ސަފާރީއަކުން މާލެ ގެނައި ފުޅިތަކެކެވެ. އެފުޅިތައް މަގުތަކަށް އުކާފައި ވަނީ، އެފުޅިތައް ހިފައިގެން ދިޔަ ކާރުގެ ފަހަތުން ފުލުހުން ހަރަކާތްތެރިވާން ފެށުމުންނެވެ.