މަތީގައިވާ ފޮޓޯ އިން ތިޔަ ފެންނަނީ އިންޑިއާއަށް އުފަން، އުމުރުން 65 އަހަރުގެ ރުދާނާ އެވެ. ރުދާނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާ މިއަދު ހިނގައި އުޅެން ޖެހިފައި ވަނީ ހަތަރެސް ފައި ޖަހައިގެންނެވެ.

މުސްކުޅިވެ އެހެން މީހެއްގެ އަޅާލުން އެންމެ ބޭނުންވި ދުވަހު އޭނާގެ ގާތުގައި ފިރިމީހާ ވެސް އަދި ބަނޑުއަޅައި ވިހެއި ދެ ދަރިންވެސް ނެތެވެ. އެ ތިން މީހުން ވެސް ވަނީ ރުދާނާ އޭނާގެ އެކަނި ހާލަށް އުޅެން ދޫކޮށްލާފަ އެވެ. ރުދާނާއަށް އެހީވާނެ ގާތްތިމާގެ މީހަކު ވެސް ނެތެވެ.

އެކަނިމާއެކަނި ރުދާނާ މިހާރު ދިރިއުޅެމުން އަންނަ އިރު އޭނާއަށް ލިބޭ ހަމައެކަނި އެހީއަކީ، އޭނާއަށް ޕެންޝަން ފައިސާގެ ގޮތުގައި ކޮންމެ މަހަކު ދޭ 300 ރުޕީސް އެވެ. އެއީ އެންމެ 70 ވަރަކަށް ރުފިޔާ އެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން އޭނާއަށް ޕެންޝަނުގެ ގޮތުގައި ލިބޭ 300 ރުޕީސް އަކީ ކޮންމެ މަހަކު ވެސް އޭނާގެ ކެއުމާއި ދެންވެސް ޒަރޫރީ ބޭނުންތައް ފުއްދެން އޮތް ހަމައެކަނި މަގެވެ. އެހެންކަމުން އެ ފައިސާގައި ނުހިފައި ވެސް ވާކަށް ނެތެވެ.

ނަމަވެސް ހިތާމައަކީ، ރުދާނާގެ ނިކަމެތި ހާލަތަށް ހަމްދަރުދީ ވާނެ މީހަކު އާބާދީ ބޮޑު އިންޑިއާގައި ވެސް ނެތް ކަމެވެ. ކޮންމެ މަހަކު ވެސް ރުދާނާ ހަތަރެސް ފައި ޖަހާފައި ދެ ކިލޯމީޓަރުގެ ރާސްތާއަކަށް ހިނގަ އެވެ. ޕެންޝަން އޮފީހުން ދޭ 300 ރުޕީސް ހޯދުމަށެވެ.

ރުދާނާ އެފަދަ ހާލެއްގައި ޕެންޝަން އޮފީހަށް ދާއިރު ވެސް، އެ އޮފީހުން ވެސް އެކަމަށް ވިސްނާލާފައި ނުވާ ކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެ އެވެ.

"އަހަރެން އެތައް ފަހަރެއްގެ މަތިން އެމީހުން ގާތުގައި އެދެފިން އަހަންނަށް އެ ފައިސާ ގެއަށް ގެނެސްދޭނެ ގޮތެއް ހަދައި ދިނުމަށް. އަހަރެން އެތައް ފަހަރަކު އާދޭސް ކޮށްފިން. އަހަރެންގެ ސިއްހީ ހާލަތު ތަނެއް ނުދޭ އެހާ ދުރަށް ހިނގާކަށް. އެކަމަކު އެކަކު ވެސް އަޑެއް ނޭހި،" ރުދާނާ ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ސަބް ކަލެކްޓަރު، އަތުމަލިކް ބުނެފައި ވަނީ ގޭގެއަށް ޕެންޝަން ފައިސާ ގެންގޮސްދެވޭނެ ކަމަށް ބުނާ އެއްވެސް ގަވާއިދެއް އަދި އުސޫލެއް ވެސް ހެދިފައި ނެތް ކަމަށެވެ.

"ގާނޫނީ ގޮތުން ހުއްދައެއް ނެތް ގެއަށް ފައިސާ ގެންގޮސްދޭކަށް. ބަލާނަން އޭނާ (ރުދާނާ)ގެ ފަރާތުން ފައިސާއާ ހަވާލުވާން އަންނާނެ މީހަކު ވޭތޯ،" އިންޑިއަން އެކްސްޕްރެސް އަށް ޕެންޝަން އޮފީހުން ދީފައިވާ ޖަވާބަކީ މިއީ އެވެ.