ހުޅުމާލެ ކައިރިން ފެރީ ލޯންޗަކާ ޑައިވިން ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު 8:15 ކަންހާއިރު ހިނގި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވީ ޑައިވިން ދޯނީގައި ހުރި ދިވެހި ފިރިހެނަކާއި، ލޯންޗްގައި ތިބި 3 މީހަކަށް ކަމަށެވެ. އަނިޔާވެފައިވާ އެންމެނަކީވެސް ދިވެހިންނެވެ.

ފެރީ ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހި މިއަދު ހިނގި އެކްސިޑެންޓު -- ފޮޓޯ: ޕޮލިސް

އެކްސިޑެންޓުގައި ފެރީ ލޯންޗަށްވެސް އަދި ޑައިވިން ދޯންޏަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ފެރީ ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހި މިއަދު ހިނގި އެކްސިޑެންޓު -- ފޮޓޯ: ޕޮލިސް

މި އެކްސިޑެންޓްގައި އަނިޔާވި މީހުން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ އެމީހުންނަށް ފަރުވާދެމުންނެވެ. އަދި އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ޕޮލިސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.