20 Mar 2016, 09:09
މޯލްޑިވިއަން އައިޑަލްގައި މިހާތަނަށް ހިތްގައިމު ހުށަހެޅުންތަކަކާއެކު ގިނަ ބައެއްގެ ހިތްތަކާ ކުޅެލިނަމަވެސް އެ ޝޯގެ ގަދަ ނުވައެއްގައި ވާދަ ކުރުމަށްފަހު ފާތިމަތު އަޒްލީމާ (އަޒްލީ) ކަޓައިފި އެވެ. އަޒްލީމާ ޝޯވް އިން ކަޓާފައި ވަނީ ފާއިތުވި ދެ ހަފުތާގައިވެސް ބޮޓޮމް ތިނެއްގައި ހިމެނުމަށް ފަހު އެވެ.
އަޒްލީމާއާއެކު ރޭގެ ޝޯވްގައި ބޮޓޮމް ތިނަކަށް ދިޔަ އަނެއް ދެ ބައިވެރިންނަކީ މުހައްމަދު ޒަލީފު އަބްދުﷲ އާއި އިބްރާހިމް އަމާން އެވެ. އެހެންނަމަވެސް އެ ދެބައިވެރިންނަށް ވަނީ ގަދަ އަށަކުން ޖާގަ ލިބިފަ އެވެ.
ރޭގެ ޝޯވް އިން އަޒްލީމާ ކެޓުމާއި ގުޅިގެން، މުޅި އެ މުބާރާތުގަ ވެސް މިހާރު ހުރި ހަމައެކަނި އަންހެން ބައިވެރިއަކީ ލައިޝާ ޖުނައިދު އެވެ.
މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުވެސް ބައިވެރި ވިއެވެ. އެގޮތުން ޝޯވް ފަށާފައިވަނީވެސް މީރާގެ ހުށަހެޅުމަކުންނެވެ.
ހަމައެއާއެކު މީރާ ވަނީ ރޭގެ ޝޯވްގެ ތެރެއިން، އޭނާގެ އެންމެ ފަހުގެ ވީޑިއޯ ލަވަ "ނެތް ދުވަހަކުން" ވެސް ރިލީޒުކޮށްފަ އެވެ.
ރާއްޖޭގައި ފުރެންޗައިސް އުސޫލުން މިހާނަތަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވް، މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯވް އޮންނާނީ އަންނަ އެޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ.