އިނގިރޭސި ޕްރިމިއާ ލީގުގައި ރިޔާދު މާރޭޒެ ކާމިޔާބު ކުރި ގޯލާ އެކު 1-0ގެ ނަތީޖާ އަކުން ކުރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައިގެން ލެސްޓާ ސިޓީން ތާވަލުގެ އެއް ވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ލެސްޓާ އިން 66 ޕޮއިންޓާ އެކު އެއްވަނާގައި އޮތް އިރު އެއް މެޗު މަދުން ކުޅެ ޓޮޓެންހަމް އޮތީ 58 ޕޮއިންޓާ އެކު ދެ ވަނާގަ އެވެ. ތިން ވަނާގައި އޮތް އާސެނަލް އަށް ލިބެނީ 55 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ކުރިސްޓަލް ޕެލަސް އޮތީ 33 ޕޮއިންޓާއި އެކު 15 ވަނާގަ އެވެ.

ކުރިސްޓަލް ޕެލަސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ފެށިގެން އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލެސްޓާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ޕެލަސްގެ ކުޅުންތެރިންނަށް ގޯލެއް ނުޖެހުމުގެ ފައިދާ ނަގައި ލެސްޓާއިން ވަނީ މެޗުގެ 34 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. އެ ގޯލު މާރޭޒެ ކާމިޔާބު ކުރީ ޕެލަސްގެ ގޯލު އޭރިއާ ކުރިމައްޗަށް ޖެމީ ވާޑީ ހުރަސް ކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ލެސްޓާގެ އެ ގޯލަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެލަސް އަށް ވަނީ ނަތީޖާ އެއްވަރު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެ ގޮތުން ލެސްޓާގެ ޕެނަލްޓީ އޭރިއާގެ ކަނުގައި ހުރެ ޑެނީ ބޮލައިސިއާ ފޮނުވާލި އެ ހަމަލާ ލެސްޓާގެ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ލެސްޓާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާ ކުރެވޭ ގޮތް ނުވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލެސްޓާގެ ކޯޗު ކުލައުޑިއާ ރަނިއެރީ ބުނީ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ލިބުމުން އެކަމާ އުފާވާ ކަމަށާއި އެންމެ ބޮޑަށް އުފާ ކުރާނީ އެ ޓީމްގެ ސަޕޯޓަރިން ކަމަށެވެ.

"ލީޑު ލިބިފައި އޮތް ނަމަވެސް އަދި ނެތް ހިތްހަމަ ޖައްސާލެވޭކަށް. ޕްރިމިއާ ލީގަކީ އެހެން ލީގްތަކާއި އަޅާ ބަލާއިރު ވަރަށް ތަފާތު ލީގެއް. އެކަކަށް ވެސް ނޭނގޭނެ މި ލީގާއި މެދު ކުރިން އެއްޗެކޭ ބުނާކަށް،" ރަނިއެރީ ބުންޏެވެ.

އޭނާ ބުނީ ލެސްޓާ އިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ވަރަށް ކައިރިއަށް ޖެހިލާފި ކަމަށާއި ކުރިއަށް އޮތް ދެ މެޗަށް ފަހު އެކަން ޔަގީން ވެގެން ދާނެ ކަމަށެވެ.