20 Mar 2016, 00:46
ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މަރާމާރީއެއް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ، އެސްއޯ ފުލުހުންގެ ބަޔަކު ގ. މަސްއޮޑިގެއަށް ވަދެ ރޭ ހިންގި އޮޕަރޭޝަނާ ގުޅިގެން ދެ ފުލުހަކާއި އެ ފުލުހުންގެ އާއިލާއަށް ގްރޫޕަކުން އިންޒާރު ދީފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް ވިދާޅުވީ މިރޭ ވަގުތެއްގައި ފުލުހުންގެ އާއިލާ ދިރިއުޅޭ ގޭ ދޮށަށް ގޮސް ހަމަލާދޭނެ ކަމަށް ބުނެ ބަޔަކު އިންޒާރު ދީފައިވާ ކަމަށެވެ. އާއިލާގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ފުލުހުންގެ އާއިލާއަށާއި ދެ ފުލުހަކަށް އިންޒާރުދިން މައްސަލަ ބެލުމަށްފަހު އެ މީހުންނަށް ސެކިއުރިޓީ ދިނުމާމެދު ވަކިގޮތެއް ނިންމާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މަސްއޮޑިގޭގައި ރޭ ހިނގި މާރާމާރީގައި އެގޭގެ ތަކެއްޗަށް ގެއްލުން ލިބިފައި ---- ފޮޓޯ: ކިޔުންތެރިއެއް
ދެ ގްރޫޕެެއްގެ ދެމެދުގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުން މިރޭ ވަނީ ދޫކޮށްލާފަ އެވެ. ރޭގެ ވަގުތެއްގައި ފުލުހުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ގ. މަސްއޮޑިގޭގައި ހިނގާ ދިޔަ މާރާ މާރީއަކާ ގުޅިގެންނެވެ. ފުލުހުން ބުނެފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މަސްއޮޑިގޭގައި ރޭ ހިނގި މާރާމާރީގައި ބައެއް މީހުންނަށް އަނިޔާވި ކަމަށެވެ.
ފުލުހުން ބުނީ އެސްއޯ ފުލުހުންގެ ބަޔަކު މަސް އޮޑިގެއަށްވަދެ މާރާމާރީ ހިންގި ކަމަށް ބަޔަކު ތުހުމަތު ކުރަމުންދާތީ އެކަން އެކަން ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ މަސްއޮޑި ގޭގައި ހިންގި މާރާމާރީގައި ބައެއް ޒުވާނުންތަކަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ބައެއް މީހުންގެ ކަންފަތުން ލޭ އައިސްފައިވާއި ބޯ ފަޅައިގެން ގޮސް، ގައިގެ ތަންތަން ނޫފައިގެންފައިވާތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ގ. މަސްއޮޑިގޭގައި ހިންގި މާރާމާރީގައި ޒުވާނުންތަކަކަށް އަނިޔާވެފައި: އެ މީހުންނަށް އަނިޔާކުރީ ފުލުހުން ކަމަށް ވަނީ ތުހުމަތުކޮށްފައި-- ފޮޓޯ/ ސޯޝަލް މީޑިއާ
އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ރޭ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.