ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި "ރައީސް ޔާމީން" މާކެޓް ކުރައްވާނެ ގޮތް، ކެމްޕެއިން ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކިޔައިދެއްވައިފި އެވެ.

ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ރައީސް ޔާމީންގެ ކެމްޕޭމް އޮފީހުން ބޭއްވި ތިން ވަނަ މަހާސިންތާ ނިންމުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށް "ރައީސް ޔާމީނަކީ" ކަމުދާ ޕްރޮޑަކްޓެއްގެ ގޮތުގައި ވިއްކާނެ ގޮތް ދަސްކުރަންޖެހޭ ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުން މިހާތަނަށް ކޮށްދީފައިވާ ކަންތައްތަކާއި ކޮށްދެމުންދާ ކަންތައްތައް ބަލަންޖެހޭ ކަމަށާއި އެ ކަންތައްތައް ރައްޔިތުންނާ ހިއްސާކުރުމުގައި "އުކުޅުތަކެއް" ބޭނުން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގާނޫނާ ހިލާފަށް ކުރި ކަންތައްތަކުގެ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިސްލާމް ދީނާ ދުރަށް ދިވެހިން ގެންދިއުމަށްޓަކާ އެމްޑީޕީގެ ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ވިއްކުމާއި ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކުމާއި ފެން ކުންފުނީގެ ހިއްސާ ވިއްކުމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތެދުވީ ސަބަބެއް ނެތި ނޫން ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ނަޝީދުގެ ސަރުކާރަށް މަޖިލީހުން އޭރު ބަޖެޓްތަކެއް ފާސްކުރުމުން އެ ސަރުކާރުން ރައްޔިތުންނަށް ކުރި މަންފާއެއް ނެތް ކަމަށެވެ.

ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރަށް ކުރިއެރުންތަކެއް ނުލިބުނު ކަމަށާއި ސިއްހީ ދާއިރާއަށް ވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އިޝާރާތްކޮށް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ނަޝީދުގެ ސަރުކާރަށް ނިސްބަތްކޮށް ރައީސް ވިދާޅުވީ "އެ ޕްރޮޑަކްޓް" ކަމުނުދިޔައީ އެހެންވެގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް ނުކުތީ "މީހަކާ ވާދަކުރަން ނޫން" ކަމަށާއި "ހައްލުތަކުގެ ތެރެއިން ދިވެހިން ހިނިތުންކޮށްލަން" ކަމަށެވެ.

"2013 ދިވެހި އުންމަތައް އަލިވިލީ އުންމީދު ގެނެސްދޭނެ، ކުރީގެ ޕްރޮޑަކްޓާ އަޅައި ކިޔޭނެ، އެ ނޫން ގޮތަކަށް ކަންތައްތައްކޮށްދޭނެ މީހަކާ ދޭތެރޭގައި. އޭރު އަޅުގަނޑާއި އަޅުގަނޑުގެ ޓީމު ވާހަކަ ދައްކަމުން ބުނީމު އަޅުގަނޑުމެން މި އަންނަނީ މީހަކާ ވާދަކުރާކަށް ނޫނޭ. އަޅުގަނޑުމެން މި އަންނަނީ ރާއްޖޭގައި ހުރި މައްސަލަތައް އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައިގެން، އެކަންކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ގެނެސްދީ. އެ ހައްލުގެ ތެރެއިން ދިވެހި ރައްޔިތުން ހިނިތުންކޮށްލެވޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަން ކުރަން މީހުން އަންނަނީ "ވެރިކަމުގެ ޝަރަފާއި ލައްޒަތަކަށް ނޫން" ކަމަށާއި "ރަނގަޅު ހާލަތަކަށް" ރާއްޖެ ގެންގޮސްދިނުމަށް ކަމަށެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން މި ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދީފައިވާ މުހިއްމު ކަންތައްތައް ތަކުރާރު ކުރެއްވި އެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވާފައިވާ ކަމަށާއި ސަރުކާރުގެ ހަރަދުގައި 23 މީހެއްގެ ކިޑްނީ ޑްރާންސްޕްލާންޓް ހަދާފައިވާ ކަމަށާއި ފަސް މީހެއްގެ ލިވާ ބަދަލުކޮށްދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 423 ކްލާސް ރޫމް އަޅައިދީފައިވާ ކަމަށާއި ސްކޫލްތަކުގައި އެކިއެކި ބޭނުންތަކަށް 19 ހޯލް އަޅައިދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ 21 ކޮންޕިއުޓާ ކްލާސް ހަދާފައިވާއިރު، 12 ސައިންލެބެއް އަލަށް ހަދާފައިވާ ކަމަށް ވެސް ކަމަށެވެ. ޑިޕްލޮމާ ފެންވަރު ނެތް ޓީޗަރުން އެ ފެންވަރަށް ތަމްރީނުކޮށްދީފައިވާއިރު އަރަބި އިސްލާމް ކިޔަވައިދިނުމަށް 5000 ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.