ާދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަ ކުރުމަށް މިރޭ 8:30 ހުންފެށިގެން ފާހަގަކުރަމުންދާ އާތު އަވާ ހަރަކާތްތަކުގެ ތެރެއިން ރެޑް ކްރެސެންޓުން އިސްނަގައިގެން މިރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ތަރި މަޖާ" ހަރަކާތް ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ އާތުއަވާ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ޓެލެސްކޯޕް ބޭނުންކޮށްގެން ތަރި ބަލާލުމާއި މުޅިތަން ނިވާލުން އަދި އުއްބައްތި ބޭނުންކޮށްގެން 60 ޕްލަސް އެޅުން ހިމެނެ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ވަނީ އަޑުގަދަކުރާ ބޭނުންކޮށްގެން މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ.

ހުރިހާ ހަރަކާތެއްގެ ތެރެއިން ވެސް އެންމެންނަށް ވެސް އެންމެ ކައުދިޔަ ހަރަކާތެއްގެ ގޮތުން ފާހަގަކުރެވުނީ ސައިންސް އެންމެނަށް ޖަމިއްޔާއިން ޓެލެސްކޯޕު ބޭނުންކޮށްގެން ތަރި އާއި ހަނދު ދައްކާލުމަށް ހިންގި ހަރަކާތެވެ. އެ ސަހައްދުގައި ހަތަރު ޓެލެސްކޯޕު ބަހައްޓާފައި ހުރިއިރު ވެސް ހަތަރު ޓެލްސްކޯޕު ކައިރީ ވެސް ބޮޑު ކިޔުއެއް އޮތެވެ. އެހެންކަމުން މިރޭ ތަރި ބަލާލަން އެ ދިން ފުރުސަތު ގިނަ ބަޔަކަށް މަޖާވި ކަމަށް ބުނެވިދާނެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް އާތު އަވާ ފާހަގަކުރި

ހުޅުމާލޭގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ވަނީ އާތު އަވާ ފާހަގަކޮށްފަ އެވެ. އެގޮތުން އަލިމަސް ކާނިވާ ސަރަހައްދުގައި އާތު އަވާ ފާހަގަކުރުމަށް އުރީދޫއިން ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފަ އެވެ. ބޮޑުބެރުގެ ހަރަކާތްތަކާ އެކު އުރީދޫގެ މުވައްޒަފުން ވަނީ ސަރަހައްދުގައި އުއްބައްތި ދިއްލާފަ އެވެ.

އެސްޓޯގެ މެނޭޖްމެންޓުން އިސްނަގައިގެން އެސްޓީއޯ ހެޑް އޮފީހުގައި ވެސް ވަނީ ކެއުމަކާ އެކު އުއްބައްތި ދިއްލައިގެން އާތު އަވާ ފަހާގަކޮށްފަ އެވެ.

އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ތަފާތު ހަރަކާތްތައް ހިންގަ އެވެ. އެގޮތުން އެކުވެރިން ނުވަތަ އާއިލާތައް އެއްތަނަކަށް އެއްވެ އުއްބައްތި ދިއްލުން ފަދަ ހަރަކާތްތަކަކީ ހިންގަމުން އަންނަ ހަރަކާތްތަކެވެ.

ބައިނަލް އަގުވާމީ ގޮތުން އާތު އަވާ ފާހަގަކުރަން ފަށާފައި ވަނީ 2008 ވަނަ އަހަރު އެވެ. އާތު އަވާ ފާހަގަ ކުރަނީ ތިމާވެށީގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމަށާއި ކަރަންޓް ބޭނުން ކުރުން މަދު ކުރުމުގެ ގޮތުންނެވެ.

ތިމާވެއްޓަށް ކޮންމެ އަހަރެއްގެ އެއް ގަޑިއިރު ފާހަގަކުރަން އިސް ނެގީ، ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރުމުގައި ހަރަކާތްތެރިވަމުންދާ އެންމެ ބޮޑު ޖަމިއްޔާ، ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާ، ވޯލްޑް ވައިލްޑްލައިފް ފަންޑް ޑަބްލިޔޫޑަބްލިޔޫއެފްއިންނެވެ.