ވިއެޓްނާމް ގެ ރަށްފުށު މީހުން މެދުގައި ޒަމާނުއްސުރެ އޮތް ކިސަޑު ކެއުމުގެ އާދަ ނެތެމުންދާ ކަމަށް އެޤައުމުގެ ނޫހަކުން ބުނެފިއެވެ.

ވިއެޓްނާމްގެ ޓެބްލޮއިޑް ނޫހެއްކަމަށްވާ "ތުވީތެރީ" ބުނިގޮތުގައި ކާއެއްޗެއްގެ ގޮތުގައި މަޑާއި ކިސަޑު ކެއުމަކީ އެޤައުމުގެ ރަށްފުށުގެ މީހުން ޒަމާނުއްސުރެ ކުރަމުން އަންނަކަމެކެވެ. އަދި އެއީ ވިއެޓްނާމްގެ ޘަޤާފީ ކެއުމެއްވެސް މެއެވެ.

ނަމަވެސް ވިއެޓްނާމަށް އަންނަމުންދާ ތަރައްޤީއާއި އިޤްތިސާދީ ކުރިއެރުންތަކާއެކު މިއާދަ މަޑުމަޑުން ނެތެމުންގޮސް މިހާރު މައިގަނޑު ގޮތެއްގައި ކިސަޑު ކަނީ ހަނޯއިގެ ހުޅަނގުގެ އުތުރުގައިވާ ވިލެޖެއްގެ މީހުން އެކަންޏެވެ.

ވިއެޓްނާމްގެ ނޫސްވެރިއެއްކަމަށްވާ ދޫދުވާން ހުވާންގ 2005 ވަނައަހަރު އެޤައުމުގެ ރަށްފުށުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރިއިރު ރަށްފުށުގެ އެތަށްބަޔަކު ކިސަޑު ތައްޔާރުކުރުމާއި ކިސަޑު ވިއްކުމުގައާއި ކިސަޑު ގަތުމާއި ކިސަޑު ކެއުމުގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން ދިޔައެވެ.

ނަމަވެސް 2011 ވަނަ އަހަރު މި ނޫސްވެރިޔާ ރަށްފުށުގެ ހިސާބުތަކަށް ޒިޔާރަތްކުރިއިރު މަންޒަރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު ކިސަޑު ހެދުމާއި ކިސަޑު ވިއްކުމާއި ކިސަޑު ކެއުމުގައި ޙަރަކާތްތެރިވަނީ ވަރަށް މަދުޢަދަދެއްގެ ބަޔެކެވެ. އަދި މި ޘަޤާފަތް މުޅިންނެތި ދިޔުމުގެ ބިރުވެސްވަނީ މިހާރު ހީވެފައިވާ ކަމަށް ރަށްފުށުގެ މީހުން ބުނެއެވެ.

ވިއެޓްނާމްގެ ވިތްބާއޮ ވެބްސައިޓް ބުނާގޮތުން ކިސަޑު ކެއުމުގެ އާދަ އެޤައުމުގައި ފެށުނީ ހައިހޫނުކަމުގެ ވަގުތުގައާއި ބަނޑުބޮޑުވާވަރަށް ކާންބޯން ނުލިބޭ ދުވަސްވަރު ބަނޑު ނުވަތަ މަޢިދާ ފުރާލުމަށެވެ.

މީގެއިތުރުން ކިސަޑުގައި އެކުލެވޭ އެކިބާވަތުގެ މިނެރަލްސްތަކުގެ ފައިދާ ހަށިގަނޑަށް ހޯދައިދިނުމަށްޓަކައިވެސް ބައެއްމީހުން ކިސަޑުކައެވެ. ކެއުމަށް ބޭނުންކުރާ ކިސަޑު ތައްޔާރުކުރަނީ ޗަކައާއި ކިސަޑު ހުންނަތަންތަނުން އެތަކެތި ނަގައިގެން އަވިން ހިއްކައިގެންނެވެ.

އެއަށް ފަހު ކަނީ އަލިފާން ބޭނުންކޮށްގެން ނޫނީ އުނދުނުން މިކިސަޑު ހަނާކޮށްގެންނެވެ. ކިސަޑު ހަނާކުރަނީ އޭގެ ރަހަ މީރުކުރުމަށްޓަކައި ފޭރުފަތާއި އެނޫންވެސް ބައެއް ބާވަތްތަކުގެ ފަތްތައް އަޅައިގެންނެވެ. (ޖަރުމަނު ނޫސްއެޖެންސީ)