19 Mar 2016, 22:09
ދިރާގުން ސެމްސަންގް އެސް7 އަދި އެސް7 އެޖް ގެ ފޯނު ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެސް7 އާއި އެސް7 އެޖް ނެރެދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ސެމްސަންގް ކުންފުނީގެ ސްރީ ލަންކާ އޮޕަރޭޝަންސްގެ މެނޭޖިންގ ޑައިރެކްޓަރ ޔަންގްމިން ޝިން އެވެ.
ދިރާގުން އެސް7 އަދި އެސް7 އެޖް ގެ ފޯނުތައް ދޫކޮށްފައި ވަނީ އެކުންފުނިން ހުޅުވާލި ޕްރީ އޯޑަރު ދިނުމުގެ ފުރުސަތުގައި ޕްރީ އޯޑަރު ދިން ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
އެކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތަކުން ހޮވުނު ނަސީބުވެރި 8 ފަރާތަކަށް ފޯނާއެކު ސެމްސަންގް ގިއަރ ވީއާރް ޑިވައިސް އެއް މުޅިން ހިލޭ ވަނީ ދީފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ފޯނު ހަވާލުކޮށްފައި ވަނީ ސ.ހިތަދޫ އާޒާދީގެ، ނަސްރީން އިބްރާހިމަށެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ ހިދުމަތްތައް ދިވެހިންނަށް ގެނެސްދިނުން ކަމަށާއި، ރަސްމީކޮށް ދުނިޔޭގެ އެހެން ގައުމުތަކާ އެކު ރާއްޖޭގައި ފޯނު ލޯންޗު ކުރުމަކީ އެ ކުންފުންޏަށް ލިބުނު ޝަރަފެއް ކަމަށެވެ.
ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އެކު ރަސްމީކޮށް ރާއްޖޭގައި ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައި ވާއިރު މި ފޯނުތަކަކީ ދިރާގުގެ ނެޓްވޯކުގައި ޓެސްޓް ކުރެވި ރަސްމީކޮށް އެންޑޯސްކުރެވިފައިވާ ފޯން ސީރީސްއެއްކަމުގައިވެސް ދިރާގުން ބުނެ އެވެ.
އެސް ސެވަންގެ ފޯނު ތަކަކީ ގިނަ ވަގުތު ބެޓެރި ހިފަހައްޓާ، ވޯޓާ ޕްރޫފް ފޯނުތަކެކެވެ. އެ ދެ ފޯނު ވެސް ވަޔަލެސްކޮށް ޗާޖު ކުރެވޭ އިރު ފޯނު އޮން ކުރުމަކާ ނުލައި، އަބަދުވެސް ގަޑިއާ ކަލަންޑަރު އަދި މުހިންމު ނޮޓިފިކޭޝަންތައް ސްކްރީނުން ފެންނަން ހުންނާނެ އެވެ.
މީގެ ކުރިން ނެރުނު ފޯނުތަކާ އަޅާބަލާ އިރު ގެލެކްސީ އެސް7ގެ އެންމެ ބޮޑު ތަފާތަކީ އޭގެ 12 މެގަޕިކްސެލްގެ ކެމެރާ އެވެ. އެކެމެރާގައި އާ ދެކަމެއް ހިމެނެ އެވެ. ފުރަތަމަ ކަމަކަށް، އޭގެ އެޕާޗާ ވަނީ ބޮޑުކޮށްފަ އެވެ. އަދި ފޯނުގެ ޕިކްސެލްސް ވަނީ އިތުރުކޮށްފަ އެވެ. ސެމްސަންގުން ބުނާ ގޮތުގައި އޭގެ ސަބަބުން އަނދިރި ތަންތަނުގައި ފްލެޝްއާ ނުލައި ފޮޓޯނަގަން ފަސޭހަވާނެ އެވެ.
ދެވަނަ ކަމަކަށް، އެސް7ގެ ސެންސާގައި "ޑުއަލް ޕިކްސެލް އޮޓޯފޯކަސް" ހިމެނެ އެވެ. އެއީ އެފީޗާ ސްމާޓްފޯނެއްގައި ހިމެނި ފުރަތަމަ ފަހަރެވެ. އެފީޗާ ހިމެނުމުން ފޮޓޯއެއް ނަގާއިރު ފޯކަސް ކުރަން ނަގާ ވަގުތު ކުޑަވެ ވީޑިއޯއެއް ނަގާއިރު ފޯކަސް ކުރަން ފަސޭހަ ވާނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.