މުޅި ސިކުނޑި ވަނީ ފާހިޝް މަންޒަރުތަކުގެ ތެރޭގަ އެވެ. ކިތަންމެ ގާތް މީހެއް ވިޔަސް ނުވަތަ ނުދަންނަ މީހަކަށް ވިޔަސް އެ މީހަކު ފެންނައިރަށް ސިކުނޑިއަށް ވެރި ވަނީ ޝައިތާނީ ވަސްވާހެވެ. އަމިއްލަ އަށް ސިފަކުރެވި، ވިސްނެން ފަށަނީ ޖިންސީ އުފަލެއް ލިބިގަތުމަށެވެ. މިއީ ބަދުއަހުލާގީ މަންޒަރުތައް ބެލުމަށް ދެވި ހިފާފައިވާ މީހެއްގެ ހާލެވެ.

"ނަރުހެއް ފެނުނަސް ހަމަ ސިފަވަނީ، ދަރިފުޅުގެ ޓީޗަރެއް ފެނުނަސް ސިފަވަނީ. ހަމަ މަގުމަތިން މީހަކު ފެނުނަސް އެހެންވަނީ. ދެން ދެ މީހަކު ފެނުނަސް އިމޭޖިން ކުރެވެނީ، ދެން ވަރަށް އުނދަގޫވޭ، އެކަމުން ސަލާމަތް ނުވޭ،" އޭނާ ކިޔައިދިނެވެ.

"ކޫލް" ކަމެއް ކުރުމުގެ ގޮތުން ބަދުއަހުލާގީ މަންޒަރުތައް ހިމެނޭ ވީޑިއޯ އަދި ފޮޓޯ ފަދަ ތަކެތި އޭނާ ބަލަން ފެށީ އެންމެ ޒުވާން އުމުރުގަ އެވެ. މިއަދު އޭނާ ވަނީ އެފަދަ ކަންކަމަށް ދެވިހިފައިފަ އެވެ. މޮޅު ކަމެއް ކުރަން ފެށިކަމުގެ ސަބަބުން ހީވެސް ނުކުރާ ހާލަތަކަށް ކަންކަން ގޮސްފަ އެވެ.

ދިމާވެފައިވާ މައްސަލަތައް ސަން އަށް ކިޔައިދެނީ- ސަން ފޮޓޯ

މިހާރު މީހަކާ އިނދެގެން އުޅޭ އޭނާއަށް އެފަދަ ވީޑިއޯއެއް ނުބަލައި އަނބިފިރިކަމުގެ ގުޅުން ހިންގުމަށް ވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. ވީޑިއޯއިން ފެންނަ ކަހަލަ މީހަކަށް އަންހެނުން ނުވުމުން އަންހެނުންމަތިން ފޫހިވާ މައްސަލަ ވެސް ކުރިމަތިވަނީ އެވެ.

ހަމައެއާ އެކު މަސައްކަތް ކުރުމާއި އެހެނިހެން ކަންކަން ކުރުމުގައި ވެސް އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ކޮންމެ މީހަކު އެގޮތަށް ސިފަވާއިރު އަބަދު ވެސް އެފަދަ ހިޔާލުތަކުގައި އުޅެވެނީ އެވެ. ކިތަންމެ ބޭނުން ނޫނަސް އެކަމުން ސަލާމަތް ނުވެވެނީ އެވެ. އޭނާ ހުރިހާ ވަގުތެއްހެން ހޭދަ ކުރަންޖެހިފައި ވަނީ ޖިންސީ ކޮންމެ ވެސް ކަމެއްގެ ތެރޭގައި ކަމުން އެއީ އޭނާ އަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ.

އޮފީސް މަސައްކަތުގައި އުޅޭ އިރު ވެސް އަބަދު އެފަދަ މަންޒަރު ހުންނަ ވީޑިއޯ ނުވަތަ ފޮޓޯ ބަލަން ބޭނުންވުމާއި އެނުބެލޭ ހާލަތްތަކުގައި މީހާގެ "މޫޑް" ގޯސްވުމަކީ ވެސް ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތެކެވެ. އެގޮތަށް އަބަދު އެފަދަ މަންޒަރުތައް ބަލާ ހެދުމުގެ ތެރެއިން އެކަންކަން ފަޅާ އަރައި ވަޒީފާތަކުން ވެސް އޭނާ ވަކިކޮށްފައިވެ އެވެ.

ބަދުއަހުލާގީ މަންޒަރުތައް ބެލުމުން ދިމާވާ މައްސަލަތައް

އެފަދަ މަންޒަރުތައް ބަލައި ހަދާ ފަރާތްތަކުގެ ބައިވެރިޔާއަށް އޭނާ "ބޭނުންތައް" ފުއްދައި ނުދެވުމަކީ އާންމު މައްސަލައެކެވެ. އެފަދަ ވީޑިއޯ އަދި މަންޒަރުތައް ބެލުން އާދަކޮށްފައިވާ މީހަކަށް އޭނާގެ ބައިވެރިޔާއާ އެކު ޖިންސީ ހަރަކާތެއް ހިންގަން ޖެހުމުން އެކަމެއް ނުވެ އެވެ. އެއީ ތަކުރާރުކޮށް އެދުންވެރިކަން ހިލި، ހިލި އޭނާގެ "ބާރުވެރިކަން" ކެނޑިފައި ވާތީ އެވެ. ނަތީޖާއެއްގެ ގޮތުން ފޮޓޯއެއް ނުވަތަ ވީޑިއޯއަކުން ނޫނީ "އެކަން" ނޫފެދުމަކީ ވެސް އާންމުކޮށް ދިމާވާ މައްސަލައެކެވެ.

އެފަދަ ވީޑިއޯތައް ބަލުމުގެ ސަބަބުން އަދި އަންނަ ބަދަލުގެ ސަބަބުން ދަރިން ނުލިބޭ ހިސާބަށް ކަންކަންގޮސްފައި ވެސް އެބަހުއްޓެވެ. އެއާ އެކު ވެސް ދިރިއުޅުމުގައި އެތައް ގޮންޖެހުމެއް ކުރިމަތިވެ އެވެ. އެގޮތުން ނަފްސާނީ މައްސަލަތަކެއްގެ ތެރެއަށް މީހާ ވައްޓާލަ އެވެ.

ނަފްސާނީ ގޮތުން ވެސް އެތައް ގޮންޖެހުމެއް،އަވަހަށް ފަރުވާ ހޯދާ

އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ ވީޑިއޯތައް ބަލާ ފަރާތްތަކަށް ނަފްސާނީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވެ އެވެ. އެގޮތުން މީހާ ޑިޕުރެސްއަށް ދިއުމާއި އެކަމަށް ދެވިހިފުމަކީ އާންމުކޮށް ދިމާވާ މައްސަލަތައްކަމަށް ސައުދާ ވިދާޅުވި އެވެ.

"ޑުރަގްސް އަލްކަހޯލް ބޭނުންކުރާ މީހުންގެ ސިނކުޑީގެ ގެޕް، ބުރެއިން އެކްޓިވިޓީ އާއި އެއްވަރު އެބަލާގަޑީގައި އެފަދަ މީހުންގެ، އެއީ ހަމަ ފާޑެއްގެ އެޑިކްޓެއް،" ސައުދާ ވިދާޅުވި އެވެ.

"ސެކްޝުއަލް ޑިސްފަންގްޝަނަލް ޑިސްއޯޑާ" އަށް އަވަހަށް ފަރުވާ ހޯދަން ސައުދާ އިލްތިމާސްކުރެ އެވެ. ސައުދާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ އަކީ މަސްތުވާ ނުވަތަ ދެވި ހިފާ ފަރާތްތަކަށް ދޭންޖެހޭވަރުގެ ފަރުވާއެއް ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ކައުންސިލިން ދިނުމާއި ކޮގްނިޓިވް ބިހޭވިޔަރަލް ތެރަޕީ ދިނުމެވެ.

ކޮގްނިޓިވް ބިހޭވިޔަރަލް ތެރަޕީއަކީ ސައިކޯ ތެރަޕީގެ ބާވަތެކެވެ. އެކަން އެ ފަރުވާ އެންމެ ފުރަތަމަ ތައާރަފްކުރީ ޑިޕްރެޝަން އަށް ފަރުވާ ކުރުމަށެވެ. ނަމަވެސް ފަހުން ވިސްނުމާ ގުޅޭ ތަފާތު ގިނަ މައްސަލަތަކަކަށް އެފަރުވާ ދޭން ވަނީ ފަށާފަ އެވެ. އެފަރުވާއިން ކޮށްދޭ ކަމަކީ މިހާރު ހުރި މައްސަލަ ހައްލުކުރުމާ އެކު ގެއްލުން ހުރި ވިސްނުންތަކާއި އަހުލާގިއްޔާތުން މީހާ ދުރުކޮށްދިނުމެވެ.

އަވަހަށް ހުއްޓާލާ ތިޔައީ ބޮޑުފާފައެއް!

ބަދުއަހުލާގީ މަންޒަރުތައް ބަލާހެދުމުގެ ނުރައްކާ ކުރިމަތިވަނީ ހަމައެކަނި ދުނިޔޭގައި އެކަންޏެއް ނޫނެެވެ. އެކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ހަރާމް ކުރައްވާފައިވާ ކަމެކެވެ. އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އެއީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމެކެވެ. ހަމައެއާ އެކު އެއީ ހަރާމް ކަމަކަށް އަރައިގަތުމަށް ޝައުގުވެރިކަން އުފައްދާ ކަމެއް ކަމުން އެކަމުން ސަލާމަތްވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އޭގެ [ބަދުއަހުލާގީ މަންޒަރުތައް ބެލުމުގެ] ނަތީޖާއެއްގެ ގޮތުން އެބާވަތުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު ހުޅުވިގެންދޭ، ނުރައްކާތެރިކަމެއް އެއީ،" ފަހުމީ ވިދާޅުވި އެވެ.

އެފަދަ ސައިޓުތައް ބުލޮކް ކުރުމަށް ވަނީ އަންގާފައި

ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވަނީ އަންގަވާފަ އެވެ.

ޕީޖީ އޮފީހުން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އޮރިޔާން މަންޒަރު ދައްކުވައިދޭ ވަސީލަތްތަކުގެ ސަބަބުން ތަފާތު އެކި ކުށްތަކަށް މަގުފަހިވާ ކަމަށެވެ. އެ ސިޓީގައި ވަނީ އެފަދަ އަމަލުތަކަކީ އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި މުޖުތަމައުގެ އަޚުލާގު ދެމެހެއްޓިގެންދަނީ ކުށްތަކަށް މަގުފަހިވާ ކަންކަން ހުއްޓުވިގެން ކަމަށެވެ.

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް ދިރާސާ ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ ބުނެފަ އެވެ. ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ، ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ބަލަން ޖެހޭ ޓެކްނިކަލް ކަންތައްތައް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެކަން ކުރެވިދާނެ ޓެކްނިކަލް ކަންތައްތަކަށް ބަލައި އެހެން ގައުމުތަކުން ކުރާ ގޮތް ބަލައި ހަދަމުންދަނީ،" އިލްޔާސް ވިދާޅުވި އެވެ.

އަވަހަށް ފިޔަވަޅު އަޅަމާ

އިސްވެ މިފާހަގަ ކަމަކީ އެތައް ބަޔަކަށް މިއަދު ދިމާވެފައިވާ މައްސަލައެކެވެ. އެފާހިޝް އަމަލު ކުރަން ފެށިއިރު މިހާލަތައް ކަންކަން ދާނެ ކަމަކަށް ވިސްނިފައެއްނެތެވެ. ނަމަވެސް މިއަދު އެވަނީ އެއަމަލުގެ ސަބަބުން ދިރިއުޅެން ދަތިހާލަތައް ކަންކަން ގޮސްފަ އެވެ. އަވަހަށް ފަރުވާ ހޯދާށެވެ. އެއާއެކު އެފާހިޝް އަމަލު ހުއްޓާށެވެ.

------------------------------------------------------------

ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ހަތަރު ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.