19 Mar 2016, 21:03
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ހިންގި ހަތަރު ކޯހަކުން 135 ފަރާތެއް ދަސްވެނިވެއްޖެ އެވެ.
ޣިޔާސުއްސީން އިންޓަނޭޝަނަލް ސުކޫލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެންއައިއީ އިން ހިންގި ކޯސްތަކުން ދަސްވެނިވި ފަރާތްތަކަށް ދަސްވެނިވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެންއައިއީ އުފެއްދާފައި ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ބައްޓަންކޮށް ތަރައްގީ ކުރުމަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި މަސައްކަތް ނުވަތަ މި ލަނޑުދަނޑިއަށް ވާސިލު ވުމަށްޓަކައި ކުރެވެމުންދާ މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު މިހާރު ކުރިއަށް ދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރިސާޗުގެ މަސައްކަތްތައް ވެސް އެންއައިއީގައި ކުރެވެމުންދާ ކަމަށާއި ގައުމީ އާ މަންހަޖެއް އެކުލަވާލައި އެ މަންހަޖު ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ.
"މި މަސއްކަތްތަކަކީ އަޅުގަނޑުމެން ހީނުކުރާހާ ބުރަ އަދި އެކަމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންވާ މާލީ އެތައް ތަނަވަސްކަމެއް ލިބިގެން ނޫނީ ނުކުރެވި ހުރި މަސައްކަތްތައް. ރައީސް ޔާމީންގެ ވަރަށް ހާއްސަ އިސްނެންގެވުމަކާ އެކީގައި މިނިސްޓަރުގެ ޒައާމަތުގެ ދަށުން އާ ގައުމީ މަންހަޖު ތަންފީޒު ކުރެވުނުކަން އެއީ. ރާއްޖޭގެ ތައުލީމަށް ގެނައި ބޮޑު އިންގިލާބެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންއައިއީގެ އެންމެ ބޮޑު މިސްރާބަކަށް ވާން ޖެހޭނީ ގައުމީ އާ މަންހަޖު ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހާއްސަކޮށް އާ ކަރްކިއުލަމް ގެ މާއްދާތަކަށް ބޭނުންވާ ތަމްރީނުތައް އެންމެ އެކަށީގެންވާ ގޮތުގައި ޓީޗަރުންނަށް ދެވިގެން ނޫނީ ތައުލީމީ ނިޒާމަށް ރަނގަޅު ހެޔޮ ބަދަލެއް ނާންނާނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސުކޫލްތަކުން ފޯރުކޮށްދެވޭ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި އިންވެސްޓްމެންޓުތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
"ކުރެވޭ މަސައްކަތްތަކާއި ހޭދަ ކުރެވޭ ހޭދަތަކުގެ ތެރޭގައި ސުކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަށާއި އިންސާނީ ވަސީލަތް ބިނާ ކުރުމަށް ނުހަނު ބޮޑު އަހައްމިއްޔަތު ކަމެއް ދެވެމުންދާކަން ފާހަގަކޮށްލަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފެންވަރު ރަނގަޅު ތައުލީމަށް އެންމެ މުހިއްމީ ފެންވަރު ރަނގަޅު ޓީޗަރުން ކަމަށެވެ. އަދި ފެންވަރު ރަނގަޅު ޓީޗަރުން ބިނާ ކުރުމަށް ވެސް ދުރާލައި ބޮޑެތި އިންވެސްޓްމަންޓުތައް ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާއެކު، ޕްރީ ސުކޫލް މަރުހަލާގެ ޓީޗަރުންނަށް ވެސް ކަމާ ގުޅޭ ތަމްރީނުތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިންކުލޫސިވް އެޑިއުކޭޝަނަކީ މިއަދުގެ ތައުލީމީ ސިޔާސަތުގައި ވަރަށް މުހިއްމު އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭ ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެންއައިއީ އިން ހިންގި ދެ ޑިޕްލޮމާ ކޯހުންވެސް އެއް ވަނަ ހޯދި ދެ ދަރިވަރަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީ އިން ދޭ ހަނދާނީ ލިޔުމުގެ އިތުރުން އެންއައިއީ އިން ދޭ ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެ ދަރިވަރުންނަށް އިނާމާއި ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އާދަމް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެންއައިއީ އިން އަލަށް ތައާރަފުކޮށްފައިވާ ޕޯސްޓު ގުރަޖުއޭޓު ޑިޕްލޮމާ ޕްރޮގުރާމާއި އެސޯސިއޭޓު ޑިގުރީ އަދި ޑިޕްލޮމާ އިން ޓީޗިންގު އިން އިންކުލޫސިވް އެޑިއުކޭޝަން ޕްރޮގުރާމްވެސް އިފްތިތާހުކޮށްފަ އެވެ. އެ ތިން ޕްރޮގުރާމް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދަރިވަރުން ދަސްވެނިވެފައި ވަނީ، ސެޓްފިކެޓު ތުރީ އިން ސްޕެޝަލް އެޑިއުކޭޝަން ކޯހާއި އެޑްވާންސް ސެޓިފިކެޓު އިން އާލީ ޗައިލްޑު ކެއާ އެންޑް ޑިވެލޮޕްމެންޓު އަދި ޑިޕްލޮމާ އިން ޓީޗިންގުގެ އިތުރުން ޑިޕްލޮމާ އިން އިންކުލޫސިވް އެޑިއުކޭޝަން ކޯހުން ނެވެ.